ކ. ކާށިދޫގައި ކުލަގަދަކޮށް ފެށި "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް ޓޯނަމަންޓުގައި ކުޅުނު ފުރަތަމަ ދެ މެޗު އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންގ ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގައި އެންޖީ ޖޫނިއާސް ކުޅުނު މެޗުގައި އެ ޓީމު ނުކުތީ ޓީމް ނައިން އެކްސްއާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
ކާށިދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވާދަކުރެއެވެ. އެ ޓީމުތަކަކީ, އެންޖީ ސްޓާރިންގ, އީއެން ހޭންޑްބޯލް ޓީމް, އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ޓީމުތައް ވާދަކުރާނީ ފައިނަލް މެޗުގައެވެ.
ކާށިދޫގައި ފެށުނު މި މުބާރާތަށް ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists