އިނގިރޭސި ލީގް ކަޕްގައި ޓޮޓެންހަމް ހޮޓްސްޕާ (ސްޕާސް) އާއި ލިވަޕޫލް ބައްދަލުކުރި މެޗުން ބަލިވެ، ސްޕާސް މުބާރާތުން އަލްވަދާއު ކިޔައިފިއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސިސް މެކް އެލިސްޓާއެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހައި ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕާސްގެ ގަލެގާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްދީ، މެޗުގެ ފޯރި އިތުރަށް ގަދަކޮށްލާފައެވެ.
ނަތީޖާ އެއްވަރުކުރުމަށް ސްޕާސްއިން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ލިވަޕޫލްގެ ޑޮމިނިކް ސޮބޮޒްލާއީ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި، ލިވަޕޫލަށް މޮޅު ކަށަވަރު ކޮށްދީފައެވެ.
މި ނަތީޖާއާއެކު ލިވަޕޫލް މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރިއިރު، ސްޕާސްއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists