ޗައިނާއާ ރާއްޖޭގެ އިޤުތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ޗައިނާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) ގެ ވަފުދަކާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
ޗައިނާއިން ވަޑައިގަތް ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ބައިނަލްއަޤުވާމީ ގޮފީގެ ދެކުނު އިރުމައްޗާއި ދެކުނު އޭޝިއާ ކަންކަމާ ބެހޭ ބިއުރޯގެ ޑައިރެކްޓާ ޖެނެރަލް ޕެންގް ޒިއުބިންއެވެ. މި ބައްދަލުކުރެއްވުމުގައި ޕެންގް ވަނީ ދެ ޤައުމުގެ ގުޅުމުގެ ބިންގަލެއްގެ ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރައްޔިތުންގެ ގުޅުންތައް ފާހަގަކުރައްވާފައެވެ،
އޭގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ޤައުމީ އިޞްލާޙީ މަސައްކަތްތަކަށް ބެހެއްޓެވި ސަމާލުކަމާއި އެ މަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ތަރައްޤީގެ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
އިޤުތިޞާދީ ގޮތުން އިތުރަށް ގުޅުން ބަދަހިކޮށް ދެ ފަރާތަށް ފައިދާވާ ގޮތަށް ގުޅުން އައު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ އުންމީދު ޕެންގް ފާޅުކުރެއްވިއެވެ. ދެ ޤައުމުގެ ދެމެދުގައި ގިނައިން ހިނގަމުންދާ މަތީ ފެންވަރުގެ ބައްދަލުވުންތަކަކީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާއާ ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ރަޙުމަތްތެރިކަމާއި ރާއްޖެއަށް ޗައިނާއިން ފޯރުކޮށްދީފައިވާ ފުޅާ އެހީތެރިކަމަށް ފުން ޝުކުރު އަދާކުރައްވާފައެވެ. ދެ ޤައުމުގެ ގުޅުމަކީ ސްޓްރެޓީޖިކް ބައިވެރިވެރިކަމެއް ކަމަށް ސިފަކުރައްވައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އިޤުތިޞާދީ އެހީތެރިކަން ރައީސް ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists