ސްޕެނިޝް ލަލީގާގައި ރޭ ރޭސިން ސަންޓަންޑާ އަތުން 7-2 ގެ މޮޅެއް ހޯދައި، ބާސެލޯނާ އިން ރެކޯޑެއް ހަދައިފިއެވެ.
ރޭސިން އާ ދެކޮޅަށް ކުޅުނުމެޗުން ބާސެލޯނާ މޮޅުވުމާއެކު އެޓީމަށް ވަނީ ލީގްގެ ފުރަތަމަ 7 މެޗުން މޮޅުވުމުގެ ޝަރަފް ލިބިފައެވެ. މިއީ އެޓީމްގެ ތާރީހުގައިވެސް ލީގްގެ ފުރަތަމަ 7 މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިމެޗްގައި ބާސެލޯނާގެ ތަރިއަކަށްވީ ބްރެޒިލްގެ ފޯވާޑް ރަފީނިއާގެ ކުޅުމެވެ. ރަފީނިއާ ވަނީ މި މެޗުގައި ހެޓްރިކް ހަދައި މި ސީޒަނުގައި އޭނާ ދައްކަމުންދާ ތަފާތު މޮޅު ކުޅުން ދަމަހައްޓާފައެވެ. މި ސީޒަނުގައި ރަފީނިއާ މިހާތަނަށް ކުޅުނު 6 މެޗްގައި އޭނާ ވަނީ 9 ލަނޑު ޖަހާފައެވެ. މިއީ 2017 ވަނަ އަހަރުގެ ސީޒަނުގައި މެސީ ގާއިމްކުރި ރެކޯޑާ އެއްވަރުގެ ނަތީޖާއެކެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރަފީނިއާ ބުނީ، އެންމެ ބޮޑަށް އުފާވީ ގިނަ ލަނޑުތަކެއް ޖެހުމަށްވުރެ ޓީމް މޮޅުވުމުން ކަމަށެވެ. މިމެޗްގައި ބާސެލޯނާއަށް ލަނޑުތައް ޖަހައިދިނީ، ލަމީން ޔަމާލް އާއި، ޖޮއާއޯ ކަންސޭލޯގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ގެބްރިއަލް ޖީސަސްއެވެ. މިމެޗްގައި ރޭސިން ކުޅުންތެރިއެއްގެ އަތުންވެސް ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.
މި ސީޒަނުގައި ބާސެލޯނާގެ ފަރާތުން ތަފާތު މެޗްތަކެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ފުރަތަމަ ހަ މެޗުން އެކަނިވެސް 28 ލަނޑު ޖަހާފައެވެ. މިއީ އަދި ބާސެލޯނާގެ ތާރީހުގައި ދެވަނައަށް އެންމެގިނަ ލަނޑު ޖެހި ސީޒަނެވެ. މިމެޗްގައި ބާސެލޯނާގެ ކީޕަރު ޔޮއާން ގާސިއާއަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. ގާސިއާގެ ބަދަލުގައި ކުޅެން އެރީ އާސެނަލްގެ ކުރީގެ ކީޕަރު ސެޒްނީއެވެ.
ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists