އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްތިއުމާރީ އިސްރާއީލުން ޑިޕްލޮމެޓިކް ގުޅުން އެމްބަސީ ފެންވަރަށް ބަދަލުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވީ އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ވޯލްޓްޒް އާއި މޮރޮކޯގެ ޚާރިޖީ ވަޒީރު ނާސިރު ބުރީތާ އަދި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ އެވެ. ތިން ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން އިސްރާއިލާ މޮރޮކޯގެ ޑިޕްލޮމެޓިކް މިޝަންތައް ފުރިހަމަ އެމްބަސީތަކަކަށް ބަދަލުކޮށް ސަފީރުން ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. ހަމައެއާއެކު އެއާލައިންތައް ހިމެނޭހެން ސީދާ ވައިގެ ދަތުރުތައް ރަބާތާއި ތެލް އަވީވާ ދެމެދު އަލުން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިޤުތިޞާދީ ދާއިރާއިން ވެސް ގުޅުން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް ރޭވިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އިންވެސްޓްމަންޓުތައް ރައްކާތެރިކުރުމާއި ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާ ގުޅޭ އެއްބަސްވުންތައް މި އަހަރު ނިމުމުގެ ކުރިން ފައިނަލް ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ޓެކްނޮލޮޖީ ސަލާމަތީ އަދި އީޖާދީ ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް ކުރިއަށް ހުރި މަސްތަކުގައި މަތީ ފެންވަރުގެ ދަތުރުތައް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.
އެ ބައްދަލުވުމުގައި އެމެރިކާ އާއި އިސްރާއީލުން ވަނީ ވެސްޓަން ސަހަރާގެ މައްޗަށް އޮތް މޮރޮކޯގެ ސިޔާދަތީ ބާރު ބަލައިގެންފައެވެ. އެ ސަރަޙައްދަށް އަމިއްލަ ވެރިކަމެއް ދިނުމަށް މޮރޮކޯއިން ހުށަހަޅާފައިވާ ހުށަހެޅުމަކީ އެ ޒަމާންވީ މައްސަލައަށް އޮތް ހަމައެކަނި އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލު ކަމަށް ދެ ފަރާތުން ސިފަކޮށްފައިވެއެވެ. މި ގުޅުން ބަދަހިކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދާކުރި ދައުރު ފާހަގަކޮށް މޮރޮކޯ އާއި އިސްރާއީލުން ވަނީ ޓްރަމްޕަށް ތަޢުރީފުކޮށްފައެވެ.
މި ނިންމުން ބިނާވެފައި ވަނީ 22 ޑިސެމްބަރު 2020 ގައި ސޮއިކުރެވުނު އަބްރަހަމް އެކޯޑްސްގެ އޮނިގަނޑުގެ މައްޗަށެވެ. ބުދަ ދުވަހު ބޭއްވި މި ބައްދަލުވުން ދިމާކޮށްފައި ވަނީ ޔޫއޭއީ އާއި ބަހްރޭނުން އިސްރާއީލާ އެކު ގުޅުން ޤާއިމުކުރި އެ އެއްބަސްވުމުގެ ހަ ވަނަ އަހަރީ ދުވަހާއެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން އިސްރާއީލާއި އެމެރިކާ އަދި މޮރޮކޯގައި ދިރިއުޅޭ ޔަހޫދީ ދަރިކޮޅުގެ މީހުންނާއި މޮރޮކޯގެ ރަސްކަމާ ދެމެދު އޮތް ތާރީޚީ ގާތްކަމަކީ މި ގުޅުމުގެ ބިންގާ ކަމުގައި ދެ ފަރާތުން ދެކެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists