ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ބިންް ލިބިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ބިން ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 3,548 ބިމުގެ ތެރެއިން 1,393 މީހަކަށް ބިން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބިން ލިބޭނެ ކަމަށް 3,086 މީހަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެއީ 87 އިންސައްތަ އެވެ.
މިނިސްޓްރީން ބުނީ ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރި ކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫއު އާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަހައްދުތަކުގައި ހިމެނޭ ގޯތިތައް އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ހަވާލު ކުރާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީން ދޫކުރަނީ 698 ގޯއްޗެވެ. އޭގެ ތެރެއިން 603 މީހަކަށް ވަނީ ބިން ހަވާލުކޮށްފަ އެވެ. އަދި 641 މީހަކަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists