ބްރިކްސް ސަމިޓަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ރާއްޖެއަށް ކުރެއްވި ރަސްމީ ދެ ދުވަހުގެ ދަތުރުފުޅާ ގުޅުވައިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ލަވަތަކެއް ހިއްސާކުރައްވައި ބައިނަލްއަޤުވާމީ ބެލުންތެރިންގެ ލޯތްބާއި ސަމާލުކަން ހޯއްދަވައިފިއެވެ.
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
މީގެ އިތުރުން، ދިލް ތޯ ޕާގަލް ހޭ އާއި ޗަކް ދޭ! އިންޑިއާ ފަދަ ބޮލީވުޑުގެ ހިޓް ލަވަތައް ވެސް ޕޯސްޓްތަކުގައި ބޮޑުވަޒީރު ބޭނުންކުރެއްވިއެވެ.
ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅުގެ ޕޯސްޓުތަކުގައި ދިވެހި ފަންނާނުންގެ މިއުޒިކަށް ބޮޑުވަޒީރު ޖާގަ ދެއްވައިފައިވެއެވެ. ލެޖެންޑަރީ ފަންނާނު މޭނާ ހައްސާނުގެ "މިލަ މިލަ ހަނދުވަރު" އާއި "ފަނު ދުއްމާރީ" ހިމެނުއްވިއެވެ. ޒަމާނީ ބޮޑުބެރު ލަވައެއް ކަމުގައިވާ އެކަތި ބޮޑުބެރު ގްރޫޕްގެ މަރިޔަމް މަލާ ވެސް ޕޯސްޓެއްގައި އެމަނިކުފާނު ބޭނުންކުރެއްވިއެވެ. ރާއްޖެއިން ފުރާވަޑައިގެންނެވި ޕޯސްޓަށް ހޮއްވެވީ ހައްސާނުގެ މާސިންގާ ކަނޑުތެރޭ ކަނޑު ހުރަސްކޮށް ދަތުރެއް ފެށުމުގެ މާނަ ދޭހަވާ ލަވައެކެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ޕޯސްޓުތައް ސިފަކޮށްފައިވަނީ ހިތްގައިމު އަދި ގިނަ ލީޑަރުންގެ ކިބައިން ނުފެންނަ ވަރަށް ރަނގަޅު އަދި ތަފާތު ސިފައެއްގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުގައި ބުރަ މަސައްކަތުގެ ތެރެއިން ވެސް ލުއި ހިތްހެޔޮ "ވައިބެއް" ގެނެސްދެވިދާނެކަން ބޮޑުވަޒީރު އަންވަރު ވަނީ ދައްކަވައިދެއްވައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists