މަޝްހޫރު އިނގިރޭސި ޕޮޕް ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެމެރިކާ ލޫޕް ޓުއާގައި ބައިވެރިވާން ހަމަޖެހިފައި ތިބި ހުރިހާ ސަޕޯޓިން އާޓިސްޓުން، ފަލަސްޠީނަށް ތާއީދުކުރި ރެޕާ މެކްލެމޯ ޓުއާއިން ވަކިކުރި ކުރުމާ ދެކޮޅަށް ތެދުވެ، ޓުއާގައި ބައިވެރިނުވާން ނިންމައިފިއެވެ.
މެކްލެމޯ، އަސްލު ނަމުން ނަމަ ބެން ހެގާޓީ، ވަނީ މި މަހުގެ ކުރީ ކޮޅު އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ބޭއްވި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. ސްޓޭޖު މަތީން ދެއްކި ވާހަކަތަކުގައި، ޣައްޒާއިން ފެށިގެން ހުޅަނގު އައްސޭރިފަށާ ހަމައަށް ތިބި ރައްޔިތުންނަށް ހަނދާން ނުނެތޭ ކަން ދަންނަވަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ފަހުން ފާޑުކިޔުން ބޮޑުވެ، ޓުއާގެ ބާކީ ބައިން އޭނާ ބޭރުކޮށްލިއެވެ.
ފަހުން މެކްލެމޯ ވަނީ ޓްއާއިން އޭނާ ބޭރުކުރުމުގައި ގިލެޓް ސްޓޭޑިއަމްގެ ވެރިޔާ ބިލިއަނަރު ރޮބަޓް ކްރާފްޓުވެސް ޕްރެސަރުކުރިކަމަށް ބުނެފައެވެ.
ޝީރަންގެ ނިންމުމާ ވިދީގެން، ހުރިހާ ސަޕޯޓިން އާޓިސްޓުން ވަނީ ޓުއާ ދޫކޮށްލާ ކަން ހާމަކޮށްފައެވެ. މި މައްސަލާގައި ގްރެމީ އެވޯޑާއި އެކެޑެމީ އެވޯޑު ހާސިލުކޮށްފައިވާ ޕޮޕް ތަރި ބިލީ އައިލިޝްގެ ބޭބެ، އެމެރިކާ ލަވަކިޔުންތެރިޔާ ފިނެއާސް ވެސް ވަނީ ފަލަސްޠީނާއި ފަލަސްޠީނު ރައްޔިތުންގެ ފަޅީގައި ހުރި ކަމަށް ވެސް ފިނެއާސް ހާމަކޮށްފައިވެއެވެ.
ޝީރަން، އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މެކްލެމޯ ވަކިކުރީ ޓުއާގެ އެމެރިކާ ޕްރޮމޯޓަރުގެ ނިންމުމެއް ކަމަށާއި، ދެ ފަރާތް ގުޅުވައިދިނުމަށް ހަފުތާ ދުވަހު ޓުއާ ބައްވާ ތަންތަނުގެ ފަރާތްތަކާއެކު ވެސް މަޝްވަރާ ކުރި ކަމަށެވެ. "މެކްލެމޯ ޓުއާއިން ވަކިކުރީ ޕްރޮމޯޓްކުރާ ފަރާތްތަކުގެ ނިންމުމެއް ކަމަށާއި އެއީ ޝީރަންގެ ނިންމުމެއް ނޫންކަމަށްވެސް ބަޔާނުގައި ބުންޏެވެ.
ޕިންކް ފްލޮއިޑްގެ ކޯ-ފައުންޑަރ ރޮޖާ ވޯޓާޒް ވެސް ވަނީ ސޯޝަލް މީޑިއާގައި މެކްލެމޯއަށް ތާއީދުކޮށް ޝީރަންއަށް ފާޑުކިޔައިފައެވެ. ވޯޓާޒް ބުނީ، ރެޕާ މެކްލެމޯ ފަދައިން ރަނގަޅު ކަންތައް ކުރާ މީހުން ދުނިޔޭގައި ތިބި ކަމަށާއި، ޝީރަންއަށް އިޝާރާތްކޮށް ގޯސް ކަންތައް ކުރާ މީހުން ވެސް ތިބި ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists