ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެރޭ ކުޅުނު މި މެޗު 3-2 އިން ކާމިޔާބުކުރީ ނިއު ރޭޑިއަންޓެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި، ސުޒައިރު ވަނީ ނިއު ރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާގެ މޫނުމަތީގައި ޖަހައި ހަމަލާދީފައެވެ.
މި ހަމަލާގެ ސަބަބުން ލޫސިއާނޯގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސް އަނިޔާވެފައިވާއިރު، މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މި ހާދިސާއާ ގުޅިގެން މެޗުގެ 77 ވަނަ މިނެޓުގައި ރެފްރީ ވަނީ ސުޒައިރަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ނިއު ރޭޑިއަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި، މީގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ފުރިހަމައަށް ތަހުގީގު ކޮށްދިނުމަށް އެދި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.
މީގެއިތުރުން، ދަނޑުމަތީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން އަހުމަދު ސުޒައިރާ މެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ނިއު އިން ވަނީ ގޮވާލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists