ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
ފުލުހުން ބުނީ، "މެނޭޖްމަންޓް އޮފް ކަރެކްޝަނަލް ފެސިލިޓީސް އެންޑް ރިހެބިލިޓޭޝަން އޮފް އޮފެންޑަރސް" ގެ ނަމުގައި ޖަޕާނުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުالله ޝަމީމް ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 24 އިން ސެޕްޓެމްބަރު 19 ގެ ނިޔަލަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މިއީ ކަރެކްޝަނަލް ފެސިލިޓީތައް ބެލެހެއްޓުމާއި، ކުށްކުރާ ފަރާތްތައް އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކާއި ސިޔާސަތުތައް ދަސްކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.
މީގެއިތުރުން، މި ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމްގެ މުހިންމު މަޤުޞަދެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists