ތުއްތު ކުދިންނަށް ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދުމާ އެއްވަރަށް ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުން ކޮންމެހެން ބޭނުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނިއޯކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވިދާޅުވީ ނިއޯނޭޓަލް ކެއަރގެ ދާއިރާ ފެށުނީ ގޮންޖެހުންތަކާ އެކުގައި ނަމަވެސް މިހާތަނަށް އެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.
ޑޮކްޓަރުންގެ ނިންމެވުންތަކާއި ނަރުހުންގެ ފަރުވާތެރި ބެލެހެއްޓުމަކީ ކުދިންގެ މައިންބަފައިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ތަނެއްގައި އުފަންވާ ކުއްޖަކަށް ވެސް ފުރިހަމަ ސިއްޙީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ އެ ޚިދުމަތް ދެވޭނީ ބޭނުންވާ ސާމާނާ އެކު އެ ރޮނގުން ތަމްރީނު ލިބިފައި ތިބި ފަރާތްތައް ވެސް ހަމަޖެހިގެން ކަމަށެވެ.
ޚާއްޞަ ފެސިލިޓީތަކާއި ޒަމާނީ ސިއްޙީ ޓެކްނޮލޮޖީ ހޯދުމަށް އިންވެސްޓުކުރުމާ އެކު އެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތައްޔާރުކުރުން ވެސް ހަމައެހާ ޒަރޫރީ ކަމެއް ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.
"ހަމައެކަނި ޓެކްނޮލޮޖީ ފުރާނައެއް ސަލާމަތް ނުކުރެވޭނެ. މެޝިނަކުން ހިތުގެ ވިންދު މޮނިޓަރ ކުރެވޭ ނަމަވެސް ހިތުގެ ތެޅުން އަހަރެމެންނަށް ކިޔައިދޭ އެއްޗެއް އިނގުމަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާނެ."
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ނިއޯނޭޓަލް ޚިދުމަތް ކުރިއެރުވުމަށް ތަޢުލީމާއި މެންޓަރޝިޕް އަދި އެކަކު އަނެކެއްގެ ކިބައިން ދަސްކުރެވޭނެ ފުރުޞަތުތައް މެދުނުކެނޑި ބޭނުންވާކަމަށް ސާޖިދާ ވިދާޅުވިއެވެ.
ކޮންފަރެންސުން ލިބޭ ޢިލްމީ ފިލާވަޅުތައް ޚިދުމަތް ދިނުމުގައި ބޭނުންކުރުމަށާއި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެ މަޢުލޫމާތު ހިއްސާކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
އެކި ސިއްޙީ މަރުކަޒުތަކުން ބައިވެރިން އެއް ތަނަކަށް ޖަމާވެ ތަޖުރިބާ ބަދަލުކުރުމަކީ ދާއިރާގެ ކުރިއެރުމަށް ލިބޭ ވަރުގަދަ ބާރެއް ކަމުގައި ވެސް ސާޖިދާ ވިދާޅުވިއެވެ.
ނިއޯކެއަރގެ ޚިދުމަތް ޤައުމީ ފެންވަރުގައި ކުރިއަރާ ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ނިންމުންތައް ނިންމާ އިރު ޚިދުމަތް ދޭ ފަރާތްތަކުން ލިއްބައިދޭ މަޢުލޫމާތުގެ މައްޗަށް ވެސް ބެއްލެވުމަށް އެކަމަނާ ގޮވައިލެއްވިއެވެ.
ސާޖިދާ ނިއޯކެއަރ ދާއިރާއަށް ތަމްރީނު ލިބޭ މީހުން ބިނާކުރަން ގޮވައިލައްވައިފިމި ރަސްމިއްޔާތުގައި ސާޖިދާ ވަނީ ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބުލެޓިން އިފްތިތާޙުކޮށްދެއްވައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists