ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް މާލެ ސަރަޙައްދުގައި ނުރައްކާތެރި މަގުމަތީ ޙާދިސާތައް އިތުރުވަމުންދާ މި ދަނޑިވަޅަކީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މަތީ ދަރަޖައިގެ ސަމާލުކަމެއް ދޭންޖެހިފައިވާ ވަގުތެކެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެއާއި އަތޮޅުތަކުގައި ނުރައްކާތެރި އެތައް އެކްސިޑެންޓް ތަކެއް ދަނީ ހިނގަމުންނެވެ. މީގެ ތެރޭގައި މީހުންނަށް ސީރިއަސް އަނިޔާތައް ލިބި، ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ އިތުރުން، އެތައް ފުރާނައެއް ގެއްލިގެން ގޮސްފައިވާ ހިތާމަވެރި ހާދިސާތައް ހިމެނެއެވެ. މިފަދަ ގިނަ ހާދިސާތައް ހިނގަން މެދުވެރިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގެ އިތުރުން ހުޅުމާލޭގެ މައި މަގުތަކުގައެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަނީ މަގުމަތީގެ ޤަވާއިދުތަކަށް އިހުތިރާމްނުކުރުމެވެ. ހާއްސަ ގޮތެއްގައި މާ ބާރަށް ދުއްވުމެވެ. މީގެ އިތުރުން އުޅަނދު ދުއްވާ ވަގުތު މޯބައިލް ފޯނު ބޭނުންކުރުމާއި، ޓްރެފިކް ނިޝާންތަކަށް ސަމާލުކަން ނުދިނުމާއި، ވަށައިގެންވާ އުޅަނދުތަކަށް ބެލުމެއްނެތި ކުއްލިއަކަށް ލޭން ބަދަލުކުރުމާއި ނުރައްކާތެރިކޮށް އޯވަޓޭކް ކުރުން ފަދަ ފަރުވާކުޑަ ޢަމަލުތައް ފާހަގަކުރެވެއެވެ. އަދި އުޅަނދުގެ ބްރޭކާއި، ލައިޓް އަދި ޓަޔަރު ފަދަ މުހިންމު ބައިތައް ގަވާއިދުން ނުބެލެހެއްޓުމާއި، ވިއްސާރަވެ މަގުތައް ތެމިފައި އޮންނަ ވަގުތުތަކުގައި ދުވެލި މަޑުނުކުރުމަކީވެސް އެކްސިޑެންޓުތަކަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ. އެގޮތުން ކަފިހިހުރަސް ނޫން ތަންތަނުން މަގު ހުރަސްކުރުމާއި، މަގުމައްޗަށް ދޭންވާ ސަމާލުކަން ނުދީ މަގުގެ ބޭނުންކުރުން ހުއްޓާލަން ޖެހެއެވެ. ހަމައެއާއެކު، ބާރު ދުވެލީގައި ދުއްވުމަކީ ފަޚުރުވެރި ކަމެއްގެ ގޮތުގައި ދެކޭ ނުރަނގަޅު ވިސްނުން މުޖުތަމަޢުން ނައްތައިލަން ޖެހެއެވެ. އެހެން ނޫންނަމަ ކުދަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތިމާ އާއި އަނެކާގެ އިތުރުން މުޅި އާއިލާއަށް ފޫނުބެއްދޭ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ހަރުކަށި އުޞޫލުތަކާއި ޖޫރިމަނާތައް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި އަދަބު ދިނުމެއް ނޫނެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް، ދަތުރުފަތުރުގެ ނިޒާމު ތަރުތީބުކޮށް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކޮށް މުޖުތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމެވެ. އެހެންކަމުން، މި ޤަވާޢިދުތަކަށް ބޯލެނބުމަކީ މުޅި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކޮންމެ ފަރުދަކުވެސް އަދާކުރަންޖެހޭ ޤައުމީ ވާޖިބެކެވެ.
މަގުމަތީގެ އަމާންކަން ޤާއިމުކުރެވޭނީ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކުގައި ހިފައި އަދި ކޮންމެ ފަރުދަކުވެސް ޓްރެފިކް ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އިޙްތިރާމާއި ކުުލުނުވެރިކަން އިސްކޮށްގެންނެވެ. އެހެންކަމުން، ޒިންމާދާރުކަމާއެކު މަގު ބޭނުންކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ގޮތުގައި ދެކުމަކީ މުހިންމުކަމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists