2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނުކުރައްވައި، ރަނިންމޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވި ގޮތުގައި އެ ނިންމެވުން ނިންމީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ގާތުން ބައްލަވައި، ޕާޓީގެ އިސް ފަރާތްތަކާއި ޢާންމު ރައްޔިތުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުކަމަށެވެ.
"އަޅުގަނޑު ނިންމައިގެން މި ހުރީ الله އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަ ކުރަން،" ފައިސަލް ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން މި މަސައްކަތަށް ލިބިވަޑައިގެންފައިވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވި ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި އޮވެގެން މިކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ކަމަށްވަންޏާ އެނގިވަޑައިގަންނަވާނެ ރައީސް ސޯލިހަކީ އެއީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް.
ފައިސަލް ވިދާޅުވީ ކުރަން ނުކުންނަވަނީ ފަސޭހަ ކަމެއް ކުރާކަށް ނޫން ކަމަށެވެ. އެހެންކަމުން، މި ދަތުރު ފެއްޓެވީ ވަރުގަދަ ޓީމަކާއެކު އެކުގައި ކަންވެސް ފާހަގަކުރެއްވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ފައިސަލްވަނީ އާރްޓީއެލް ފަދަ މުހިންމު މަޝްރޫޢުތައް ކޮންމެ ދުވަހަކު ގާތުން ބައްލަވަމުން ގެންދަވާފައި ކަމަށާ އެއީ މުރާލި ލީޑަރެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއަކާއި އެމްޑީޕީގެ ނައިބު ރައީސަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސްއެއްގެ ގޮތުގައި ކުރިއަށްދާން ތައްޔާރުވެގެން މި ހުރީ،" އާޒިމް ވިދާޅުވިއެވެ.
ފައިސަލް ނަސީމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ހަތަރު ވަނަ ބޭފުޅާއެވެ. މީގެ ކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ރައީސް ނައިބު ރައީސްގެ ގޮތުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ހުންނެވީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. ޢަބްދުالله ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists