ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީގެ ބަންދަށް ކޮޅުނބުގެ މެޖިސްޓްރޭޓް ކޮޓުން 6 ދުވަސް މިއަދު ޖަހައިފިއެވެ.
ޝިރާންތީގެ ބަންދަށް ކޯޓުން ހަ ދުވަސް ޖަހާފައިމިވަނީ، ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ ކޮމިޝަނުން (ސީ.އައި.އޭ.ބީ.އޯ.ސީ) އިން ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށް، ކޮޅުނބުގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ. ސީ.އައި.އޭ.ބީ.އޯ.ސީ އިން ދަނީ އެކަމަނާގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންނެވެ. ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ބަންދުގައި ބެހެއްޓުމަށެވެ.
ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ ހައްޔަރުކުރީ ކޮޅުނބުގައި ހުންނަ އެކަމަނާގެ ދިރިއުޅުއްވާ ގެކޮޅުންނެވެ. ހައްޔަރުކުރުމުގެ ކުރިން އޮފިސަރުން ވަނީ ބަޔާން ނަގާފައެވެ.
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ. މި މައްސަލައަކީ ޝިރާންތީ ރާޖަޕަކްސަ އިސްކޮށް ހުންނަވައިގެން ހިންގެވި 'ސިރިލިޔާ ސަވިޔާ' ޖަމިއްޔާގެ މާލީ މުއާމަލާތްތަކާ ގުޅުންހުރި މައްސަލައެކެވެ.
ގައުމުން ބޭރުގައި އުޅުއްވުމަށްފަހު އެކަމަނާ އެނބުރި ޝިރާންތީ ސްރީލަންކާއަށް ވަޑައިގެންފައިވަނީ މި ހަފުތާގެ ކުރީކޮޅުގައެވެ. އެކަމަނާ ޤައުމަށް ވަޑައިގަތުމުގެ ކުރިންވެސް ކޮމިޝަނުން ވަނީ އެ މައްސަލަތައް ބަލަން ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists