ރަޝިއާ ސިފައިން ރޭ ޔޫކުރެއިނުގެ އެކި ސަރަހައްދުތަކަށް 70 މިސައިލާއި ޑްރޯން ބޭނުންކޮށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ޔޫކުރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ބުނެފިއެވެ.
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
ކުނިބުނީގެ ދަށުގައި އަދިވެސް މީހުން ތާށިވެފައި ތިބެދާނެ ކަމަށާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތައް ހުއްޓުމެއް ނެތި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން، ދުނިއެޕްރޯ ސިޓީގައި ފަސް އެޕާޓްމަންޓް އިމާރާތަކަށާއި ކްރެމެންޗޫކުގައި ހަތަރު އުސް އިމާރާތަކަށް ގެއްލުން ލިބި، އެ ހަމަލާތަކުގައި ދެ މީހުން މަރުވެ އަށް މީހަކު ޒަހަމްވެފައިވެއެވެ. ޒަޕޮރީޝިއާގައި ޑްރޯން ހަމަލާއެއްގައި އުސް އިމާރާތަކަށް ގެއްލުންވީ އިރު، ވެރިރަށް ކީވުގައި ދެ މީހުން އަދި އޮލެކްސެންޑްރީޔާގައި ދެ މީހުން މަރާލާފައިވެއެވެ.
ޖުމްލަ ގޮތެއްގައި ކީވް 12 ސަރަހައްދެއްގެ ބިންގާ އުމްރާނީ ވަސީލަތްތަކަށް މި ހަމަލާތައް އަމާޒުވެފައިވެއެވެ.
ޒެލެންސްކީ ސިފަކުރި ގޮތުގައި މި ހަމަލާތަކުގެ މައިގަނޑު އެއް އަމާޒަކީ ހަކަތައިގެ ވަސީލަތްތަކެވެ. މީގެ އިތުރުން، މިއީ ރަޝިޔާއިން މިހާތަނަށް ފޮނުވި އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއް ކަމަށާއި ބެލިސްޓިކް މިސައިލާއި ޝަހީދު ޑްރޯން ހިމެނޭހެން ޖުމްލަ 70 މިސައިލް ޔޫކްރެއިނަށް ރޭ އަމާޒުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ގިނަ މިސައިލްތައް ރޭ ޔޫކްރެއިނަށް ވައްޓައިނުލެވުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާގެ ބެލިސްޓިކް މިސައިލްތަކަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި، ޕެޓްރިއޮޓް ނިޒާމުތަކަށް ބޭނުންވާ މިސައިލް ހޯދުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޒެލެންސްކީ ބުނެފައިވެއެވެ.
ރޭގެ މި ވައިގެ ހަމަލާތައް ދީފައިވަނީ ރަޝިއާގެ ރައީސް ޕޫޓިންގެ އުފަންދުވަހާ ދިމާކޮށް ކަމަށް ޒެލެންސްކީ ފާހަގަކޮށްފައިވެއެވެ.
ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ފެށުނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން މިހާތަނަށް 600,000 އަށްވުރެ ގިނަ މީހުން މި ހަނގުރާަމާގައި މަރުވެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists