އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން، ހުޅުމާލޭގައި ޓޭކްއެވޭ ޚިދުމަތް ދޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
ހެނދުނު 10:00 އިން 12:00 އަށް ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ. އެޗްޑީސީން ވިޔަފާރި އުސޫލުން ޓޭކްއެވޭ ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ހުރިހާ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންގައި، އާ ގަވާއިދާ ބެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިވެއެވެ.
މި ސެޝަންގައި އަލިއަޅުވައިލީ މި އަހަރުގެ ޖޫން ނުވައެއްގައި ގެޒެޓުކުރި ގަވާއިދު ނަންބަރު 2026/R-52 އަށެވެ. ޑިސެމްބަރު ނުވައެއްގައި ޢަމަލުކުރަން ފަށާ މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް ބަންދުކުރުން ލާޒިމުވެއެވެ. އެއާ އެކު، ކާބޯތަކެތީގެ ބާވަތާއި މުއްދަތު ހަމަވާ ތާރީޚު ފަދަ މުހިންމު މައުލޫމާތު ލޭބަލްގައި ހިމެނުން ވެސް ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.
ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ހުޅުމާލޭގައި ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމުކޮށްދީ، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގިނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުން ގެންދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists