ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މިނިސްޓަރުން ހިމެނޭ ގޮތަށް ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތި ލިބުމުގައި ދިމާވި ދަތިތަކަށް ހައްލު ހޯދާފައިވާ ކަމަށާއި، އެއާ އެކު މަޑުޖެހިފައި ހުރި ގިނަ މަޝްރޫއުތައް ބާރު ދުވެލީގައި އަލުން ކުރިއަށް ގެންދެވުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ހަމައެއާ އެކު، ކޮންމެ މަޝްރޫއެއް ވެސް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް އެންމެން ގުޅިގެން އިތުރު ހިތްވަރާ އެކު މަސައްކަތްކުރެއްވުމަށް ރައީސް ބާރުއެޅުއްވި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަށްރަށުގެ އަސާސީ ގިނަ މަޝްރޫއުތައް ނިމި، ތަރައްގީގެ ތަސައްވުރުގެ ބޮޑު ބައެއް ހާސިލުވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ދެ އަހަރު ފަހުން މިނިވަން ދުވަސް އަންނައިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިމިފައި ހުންނާނެ ކަމަށާއި، ކުނިކޮށްޓާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ވެސް ގާއިމުކޮށް ނިމިފައި ހުންނާނެ ކަމަށެވެ.
ސަރުކާރުން ރާވާފައިވާ ގޮތުން، މި މަޝްރޫއުތައް ނިންމުމަށް ކެބިނެޓާއި ކުންފުނިތައް ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists