ދިވެހިރާއްޖޭގައި ދީނީ ދައުވަތުގެ މައިދާނުގައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދީނީ އިލްމުވެރީންގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިމެނޭ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް "މަންފާ" އިން ފަށައިފި އެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
މަންފާގެ ޓީމުން ވަނީ ޝެއިހް ނިސްބަތްވާ ފާދިއްޕޮޅު ނައިފަރަށް ދެ ފަހަރެއްގެ މަތީން ޒިޔާރަތްކޮށް ވީޑިއޯ ޑޮކިއުމަންޓްރީއަށް ބޭނުންވާ އިންޓަވިއު އާއި އެ ނޫން މައުލޫމާތާއި ވީޑިއޯ އަދި ފޮޓޯ ހޯދާފަ އެވެ.
ރާއްޖޭގައި ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރަމުންދާ "މަންފާ" އިން އަލަށް ފެށި މި ޕްރޮޖެކްޓާއި ގުޅޭގޮތުން މަންފާގެ ރައީސް އަލީ ރަމީޒު ވިދާޅުވީ ދިވެހީންގެ ދީނީ ހޭލުންތެރިކަމާއި ސައްހަ އަގީދާ ފެތުރުމަށް ބައެއް ދީނީ އިލްމުވެރީން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް އެ ބޭފުޅުން ކުރެއްވީ ގިނަގުނަ ގޮންޖެހުންތަކާއި ހުރަސްތަކާއި އެކު ކަމަށާ އެއީ ދައުވަތުގައި އެ ބޭފުޅުން ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް ކަމުގައި އަލީ ވިދާޅުވި އެވެ.
އެ ބޭފުޅުންގެ އެ މަސައްކަތްތަކުގެ މައުލޫމާތު މިހާރުގެ ޒުވާނުންނާއި އަންނަން އޮތް ޖީލަށް ފޯރުކޮށް ދިނުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގަައި ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގެ ދީނީ ދައުވަތުގަައި މަސައްކަތް ކުރަމުންދާ މުހިންމު ބައެއް އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީ ހެދިފައި އޮތުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް މަންފާގެ ޓީމުން ދެކެން. އަަޅުގަނޑު, ދީނީ ދައުވަތުގައި މިވީ 20 އަހަރުގެ ތެރޭގައި ތަފާތު އެކިއެކި މަަސައްކަތްތަކުގެ ތެރެއަށް އިތުރުވެގެންދާ މި ޕްރޮޖެކްޓަކީ ބުރަ އެހެނަސް ވަރަށް ބޭނުންތެރި އަދި އަޅުގަނޑު ވަރަށް ކުރަން ބޭނުންވެފައިހުރި މަސައްކަތެއް. اللهގެ ތަނަވަސް ރަހްމަތާއެކު މި މަސައްކަތުގައި މިއަދު ކުލަޖެހިގެން މިދިޔައީ ޝެއިހް މުހައްމަދު އިބްރާހީމްގެ ވީޑިއޯ ޑޮކިއުމަންޓްރީގެ މަސައްކަތާއެކު," އަލީ ރަމީޒު ވިދާޅުވި އެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ މަންފާގެ ޓެކްނިކަލް ޓީމުން ބުނީ އިލްމުވެރީންގެ ޑޮކިއުމަންޓްރީތައް ވީހާވެސް ޝައުގުވެރިކޮށް އަދި ޒަމާނީ ގޮތަކަށް ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ ގެންދާ ކަމަށެވެ. އަދި ވީޑިއޯ ޑޮކިއުމަންޓްރީގައި ތައުލީމް އުނގެނުމަށް އެ އިލްމުވެރީން ކުރެއްވި މަސައްކަތްތަކާއި ރާއްޖެ ވަޑައިގެން ދައުވަތުގެ މައިދާނުގައި ކުރެއްވި ހިދުމަތްތަކާއި މިހާރުވެސް ކުރަައްވަމުން ގެންދަވާ ހިދުމަތްތަކުގެ ތަފްސީލްތައް ހިމެނިފައިވާނެ ކަަމަށެވެ. މީގެ އިތުރުން އެ މަސައްކަތުގައި ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތައް އަދި ކުރިއާ މިހާރުގެ ހާލަތާއިމެދު އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ވަރަށް ތަފްސީލުކޮށް ހިމެނިފައިވާނެ ކަަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists