ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމަށްފަހު ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށްފަހު، އެތަނުގައި އޮންނަ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުއްޔަށް ނެގުމަށް އިނގިރޭސިވިލާތުން ހެދި އެއްބަސްވުމަކީ "ވަރަށް ގޯސް" އެއްބަސްވުމެއް ކަމަށެވެ.
އަދި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް ބަލާއިރު ވެސް، ޑިއޭގޯ ގާސިއާ ބޭސްއަކީ ސްޓްރެޓީޖިކަލީ އިންތިހާއަށް މުހިންމު ތަނެއްކަން ޓްރަމްޕް ފާހަގަކުރިއެވެ.
އިނގިރޭސިވިލާތުން މޮރިޝަސްއާ އެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން، އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު އެވްރެޖުކޮށް 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) އިނގިރޭސިވިލާތުން ދައްކަން ޖެހެއެވެ. ނަމަވެސް، މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ތާއީދު ނުކުރުމާ ގުޅިގެން، މިދިޔަ އެޕްރީލް މަހުން ފެށިގެން އެ މަސައްކަތް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. ޓްރަމްޕް ބުނީ އިނގިރޭސި އާ ބޮޑުވަޒީރު މި މައްސަލައަށް އަލުން ބައްލަވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ބޮޑުވަޒީރު ބާންހަމް ވިދާޅުވީ، މިއީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އޮތް މައްސަލައެއް ކަމަށާއި، މިއަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާގެ ވެސް ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، މި މައްސަލައިގައި ހިމެނޭ އެކި ފަރާތްތަކާ ވާހަކަދައްކައިގެން، އެމެރިކާއާ ގުޅިގެން ރަނގަޅު ހައްލެއް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ދަތުރުގެ ކުރިން ބާންހަމް ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރާމްގޫލަމްއާ ވެސް މި މައްސަލައިގައި ފޯނުން މަޝްވަރާ ކުރައްވާފައެވެ.
މި އެއްބަސްވުމާ ގުޅިގެން އިނގިރޭސި ސިޔާސީ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވެފައިވަނީ "ޗާގޯސް ޑީލް މިހާރު މަރުވެއްޖެ" ކަމަށާއި، އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޗާގޯސް މައްސަލައިގެ އިތުރުން، ފޯކްލޭންޑްސް އައިލެންޑްސްގެ މައްސަލައާއި، ވިޔަފާރި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން ވެސް ދެގައުމުން މަޝްވަރާ ކުރިއެވެ. ފޯކްލޭންޑްސްއަކީ އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ދެމިއޮތުމުގެ ހައްގު އެ ގައުމުން ދިފާއުކުރާނެ ކަމުގެ ޔަގީންކަން ބާންހަމް ޓްރަމްޕަށް ދެއްވިއެވެ.
ބައްދަލުވުމަށްފަހު ޓްރަމްޕް ވަނީ ބާންހަމްއަކީ ވިޔަފާރީގެ ވިސްނުން ހުރި، އެކުގައި މަސައްކަތް ކުރަން ފަސޭހަ ލީޑަރެއްގެ ގޮތުގައި ސިފަކޮށް، އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށް ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists