މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، 26 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ ތެރެއިން އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނެއް ދެ ފިރިހެނުންނަށް ފަރުވާދިނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯއަކުން ފެންނަނީ، އަންހެން މީހާ ވެއްޓި، އޭނާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބައިފައި އޮތް ތަނެވެ. ބަންދު އަމުރުގައި ވާގޮތުން ދެ އެކްސިޑެންޓްގައި އަނިޔާވި ދެމީހެއްގެ ސިކުނޑިއަށް ގެއްލުންވެ ހާލު ސީރިއަސް އެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާއެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީއެވެ.
މީގެއިތުރުން، އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ހައްޔަރުކުރި ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists