ދިވެހިރާއްޖޭއަށް ސަޢުދީ އަރަބިއްޔާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ސަޢުދީއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ މިރޭ ދެއްވައިފި އެވެ.
ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޙަފްލާގައި ސަފީރު ވިދާޅުވީ މިދިޔަ މުއްދަތުގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސައުދީ އޮތުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް 1978 ވަނަ އަހަރުން ފެށިގެން ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ އެހީތެރިކަން ފޯރުކޮށް ދެމުންދާކަން ސަފީރު ފާަހަގަ ކުރެއްވި އެވެ. އެގޮތުން މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޙަފްލާ
ސަފީރު ވަނީ ސައުދީގެ އެހީތެރިކަން ކުރިއަށް އޮތްތާވެސް ރާއްޖެއަށް ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހާއްސަކޮށް ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މި ޙަފްލާގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޒަމާންވީ ރަޙްމަތްތެރިކަމާއި ގުޅުން ދައްކުވައިދޭ ވީޑިއޯއެއްގެ އިތުރުން، ސަޢޫދީގެ ތަރައްޤީއާއި މުސްތަޤުބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯތަކެއްވެސް ދައްކާފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރަމުންދަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިޢާރުގެ ދަށުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists