2017 ވަނަ އަހަރު ލިވަރޕޫލަށް ބަދަލުވުމާ ވަރަށް ގާތަށް ގޮސް މަންމަގެ އެދުމާ ދެކޮޅަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިޚުތިޔާރުކުރި ސަބަބު ރެއާލް މެޑްރިޑުގެ ފޯވާޑް ކީލިއަން އެމްބާޕޭ ހާމަކޮށްފިއެވެ.
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި ކަމަށް ކްލޮޕް ހާމަކުރިއެވެ.
ލިވަރޕޫލަށް ދިޔުމާއި ގުޅޭގޮތުން އެމްބާޕޭ ބުނީ ކްލޮޕް އެއްބަސްކުރުވަން މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނު ކަމަށެވެ. ޕީއެސްޖީ އިޚުތިޔާރުކުރި ސަބަބާ ބެހޭ ގޮތުން އެމްބާޕޭ ބުނީ ޕެރިހުގައި އުފަންވެ ބޮޑުވި މީހެއްގެ ހައިސިއްޔަތުން އަމިއްލަ ރަށުގައި ތަރިއެއް ގޮތުގައި ފާހަގަވެވިދާނެކަން ސާބިތުކުރުމަށް ވުރެ ރަނގަޅު އިޙުސާސެއް ނެތް ކަމަށެވެ. އެހެންކަމުން، ޤައުމުން ބޭރަށް ދާން ބޭނުންވީ ފުރަތަމަ ކޮންމެވެސް މީހަކަށް ވުމަށް ފަހު ކަމަށް އެމްބާޕޭ ބުންޔެވެ.
މި ބަދަލުވުމުގައި އެމްބާޕޭގެ މަންމަ ފާޔުޒާ ލަމާރީ ލިވަރޕޫލަށް ވަރަށް ބޮޑަށް ތާއީދުކުރިއެވެ. އެންފީލްޑަށް ޒިޔާރަތްކޮށް އެ ސްޓޭޑިއަމުގެ މާޙައުލު ތަޖުރިބާކުރުމަށް އެކަނިމާއެކަނި މެޗުތައް ބެލި ކަމަށާއި ދަރިފުޅު އެ ސްޓޭޑިއަމުގައި ކުޅޭ މަންޒަރު އޭނާގެ މަންމަ ޚިޔާލަށް ގެންނަމުން ދިޔަ ކަމަށް އެމްބާޕޭ ބުންޏެވެ. އެގޮތުން، ލިވަރޕޫލަކީ ހެޔޮ އެދޭ ޢާއިލީ ބޮޑު ކްލަބެއް ކަމަށާއި އެންފީލްޑް ފެނިފައި އެމްބާޕޭގެ މަންމަގެ ހިތް ދޫވެއްޖެ ކަމަށް އޭނާ އެމްބާޕޭ ކައިރީގައި ބުނި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ޕީއެސްޖީ އާ ގުޅުނީ މޮނާކޯ އިންނެވެ. ފަހުން 166 މިލިއަން ޕައުންޑުގެ ފީ އެއް ދީ ދާއިމީ ކޮންޓްރެކްޓެއް ހެދިއެވެ. ޕީއެސްޖީގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށް ވުމަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވި އެމްބާޕޭ މިހާރު ދަނީ އެ ކްލަބުގައި 100 ގޯލް ހަމަކުރުމާ ގާތްވަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists