އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިހުގެ މިކްސްޑް ޑަބަލްސް ބައިން ދިވެހިރާއްޖެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައުންޑް އޮފް 16 އަށް ކޮލިފައިވެއްޖެއެވެ.
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ. މޮންގޯލިއާގެ ޕެއާ ފުރަތަމަ ދެ ސެޓު 11-7 އަދި 11-5 އިން ކާމިޔާބުކޮށް ކުރި ހޯދާފައި އޮއްވައި ރަފާއާއި މުންސިފް ވަނީ ވިދިގެން އައި ތިން ސެޓު ހޯދައި މެޗު 3-2 ސެޓުން ކާމިޔާބުކޮށްފައެވެ.
ފަހު ތިން ސެޓުގައި ވެސް ރާއްޖޭގެ ޕެއާ މޮޅުވީ 11-9 ގެ ނަތީޖާއަކުންނެވެ. ދެ ސެޓު ދެ ސެޓުން އެއްވަރުވެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ގަދަ 16 ގެ ބުރުގައި ރަފާއާއި މުންސިފާ ކުރިމަތިލީ އިންޑިއާގެ މަނޫޝް ޝާހާއި ދިޔާ ޗިތަލްގެ ޕެއާއެވެ. އެ މެޗުން އިންޑިއާ ސީދާ ތިން ސެޓުން މޮޅުވެ ރާއްޖޭގެ ދަތުރު ވަނީ ނިމިފައެވެ.
ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ޓީޓީން ރާއްޖެ ތަމްސީލުކުރަނީ ޖުމްލަ އަށް އެތުލީޓުންނެވެ. އަންހެން ބައިގައި ހިމެނެނީ ފާތިމަތު ދީމާ އަލީ އައިޝަތު ރަފާ ނާޒިމް އައިޝަތު އަލްސާ ނާޒިމް އަދި މިޝްކާ މުޙައްމަދު އިބްރާހީމެވެ. ފިރިހެން ބައިގައި ވާދަކުރަނީ މުޙައްމަދު ޝައްފާން އިސްމާޢީލް މޫސާ މުންސިފް އަޙްމަދު އަޚްޔާރް އަޙްމަދު ޚާލިދް އަދި މުޙައްމަދު ޚަލަފް ރާފިޢުއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists