މިއަހަރުގެ އޮކްޓޫބަރު މަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒު ގައި ބައިވެރިކުރުމަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.
މިއީ މިދިޔަ އަހަރުގެ މަޢުރަޒާ އަޅައިބަލާއިރު، 2000 އަށްވުރެ ގިނަ އުފެއްދުމުގެ އިތުރުވުމެކެވެ.
މިފަހަރު 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު ޢަދަދެއް ކަމަށް ބީސީސީން ބުނެފައިވެއެވެ.
ބީސީސީން ބުނީ މި ކުރިއެރުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ދިވެހި އުފެއްދުންތަކާއި ޚިދުމަތްތަކާއި އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.
ރަޖިސްޓަރކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމުގެ ސުންގަޑިއެއް ކަމުގައި ބީސީސީން ކަނޑައަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. ފަހު ވަގުތަށް މަޑުނުކޮށް ތަފްސީލް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޢުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއް ހިމެނޭއިރު 13 އަހަރުން މަތީގެ ދިވެހިންނާއި ދިވެހި ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ތަޢުލީމީ މުއައްސަސާތަކާއި ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
މި މަޢުރަޒު ކުރިއަށްދާނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަ ހަރަކާތްތަކާއި ބޮޑުބެރާއި ދިވެހި ސަޤާފީ ކުޅިވަރުތައް ހިމެނޭ ގޮތަށެވެ.
މި މަޢުރަޒު ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 25 އިން ނޮވެމްބަރު ދޭއްގެ ނިޔަލަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists