އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން ކްރިސްޓިން ޕާރކޯ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާ ބައްދަލުކުރައްވައި މީހުން ޓްރެފިކްކުރުމުގެ މައްސަލަތައް ތަޙުޤީޤުކުރުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ކަމުގައިވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ދެ ފަރާތުން މައިގަނޑު ގޮތެއްގައި އަލިއަޅުވައިލީ ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ފާހަގަކުރުމަށެވެ.
ހަމައެއާ އެކު މީހުން ޓްރެފިކްކުރުމުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު މިހާރަށް ވުރެ ރަނގަޅުކުރުމަށާއި އެ ބާވަތުގެ ތަޙުޤީޤުތައް އިތުރަށް ވަރުގަދަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުވުމަކީ އައިއޯއެމްއާއި ދިވެހި ފުލުހުންނާ ދެމެދު މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ދާއިރާއިން އެއްބާރުލުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists