ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ޓެކްލަމަކާން ސަހަރާގެ އުތުރު އައްސޭރީގައި އޮންނަ ކެކެޔާއަކީ ކުރީގައި ނުރައްކާތެރި ވެލީގެ ތޫފާންތަކުން މަޝްހޫރުވެފައި އޮތް ސަރަޙައްދެކެވެ. ޓެކްލަމަކާން ސަހަރާއަކީ 337,000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެއް ހިމެނޭ ޗައިނާގެ އެންމެ ބޮޑު ސަހަރާއެވެ. އުއިޣޫރު ބަހުން "ކެކެޔާ" ގެ މާނައަކީ ފެހި ވާދީތައް ނުވަތަ ފެހި އައްސޭރިއެވެ.
މަޝްރޫޢު ފެށުމުގެ ކުރިން ކެކެޔާގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 ދުވަހު ވެލީގެ ތޫފާން އާދެއެވެ. ބަހާރު މޫސުމާއި ފިނި މޫސުމުގައި ގަދަ ވައި ޖެހި ސިޓީތައް ވެލީން ބެދެއެވެ. ދުވާލުގެ ވަގުތުގައިވެސް ރައްޔިތުން ބައްތި ދިއްލައިގެން ތިބެން ޖެހެއެވެ. އެކްސޫގެ ޖުމްލަ ސަރަޙައްދަކީ 131,700 އަކަ ކިލޯމީޓަރެވެ. އޭގެ ތެރެއިން ތިންބައިކުޅަ ދެ ބަޔަކީ ސަހަރާއެވެ. ސަހަރާ އޮތީ ސިޓީއާ އެންމެ ހަ ކިލޯމީޓަރު ދުރުގައެވެ. ކޮންމެ އަހަރަކުވެސް ސަހަރާ ސިޓީއާ ދިމާއަށް ފެތުރެމުން ދިޔައެވެ.
އަކްސޫ ސަރަހައްދު ކުރިން ހުރި ގޮތާއި މިހާރު؛ ފޮޓޯ / ސާކަލް އޮފް ދަ އާރްތް
1985 ވަނަ އަހަރު އެކްސޫގެ ޖަންގަލި ފެން ވަސީލަތް ދަތުރުފަތުރު އަދި އެ ނޫން ދާއިރާތަކުގެ ވެރީން މަޝްވަރާކޮށް ދިރިއުޅުމަށްޓަކައި ގަސް އިންދުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައެޅިއެވެ. 1986 ވަނަ އަހަރު 250 އަށް ވުރެ ގިނަ މީހުންގެ ޓީމަކުން ކެކެޔާގައި 16.8 ކިލޯމީޓަރުގެ ފެން ދައުރުކުރާ ކެނެއް ހަތަރު މަސް ދުވަހުގެ ތެރޭގައި ބިނާކުރިއެވެ. ފެން ލިބުމުގެ ދަތިކަމާއި ބިމުގެ ލޮނުގެ ނިސްބަތް މަތިވުމާއި ބޮޑެތި މެޝިނަރީ ނެތުމުގެ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި އެންމެ ފުރަތަމަ ބެޗުގައި ބައިވެރިވި މީހުން މަސައްކަތް ފެށިއެވެ. ކެކެޔާގެ ބިމުގައި ލޮނުގެ ނިސްބަތް އެންމެ މައްޗަށް ދިޔައީ 9.87 އިންސައްތައަށެވެ.
1987 ވަނަ އަހަރު ފުރަތަމަ ބެޗުގެ 32 ފޮރެސްޓް ރޭންޖަރުން ކެކެޔާއަށް ވަނެވެ. ބިން އޮތީ ހިލަހެން ހަރުކޮށެވެ. އެހެންކަމުން, ފުރަތަމަ ކެނޑޫސް (ޕިކް އެކްސް) އިން ފެންމަތި ތެޅިއެވެ. ދެން ބޮޑެތި ވަޅު ކޮނެ ފަށަލަ ފަށަލައަށް ގަސް ކާނާ އާއި ވެލި އެޅީ ގަސްތައް ދިރިހެދޭނެ މާއްދާ ލިބޭނެ ގޮތް ހެދުމަށެވެ.
ދެ އަހަރު ފަހުން ގަސްތައް އިންސާނެއްގެ އަތް ވަރަށް ބޮޑުވެ ދިރިހެދެން ފެށިއެވެ. 1987 އިން 1989 ވަނަ އަހަރާ ދެމެދު ގަސްތައް ދިރިހެދޭ ނިސްބަތް 87.5 އިންސައްތައަށް އެރިއެވެ. 1988 ވަނަ އަހަރު ގަސް އިންދި މީހުންނަށް އެ މީހުން އިންދި ކުނާރު ގަހުގެ ކުޑަ މޭވާކޮޅެއް ލިބުނެވެ. އެ ކުނާރު ކުޑަވެފައި ފޮނި ނޫން ނަމަވެސް ގިނަ ބަޔަކު އުފަލުން ރޮއުނެވެ.
އަކްސޫ، ޗައިނާ؛ ފޮޓޯ / ޕީޕަލްސް ޑެއިލީ
32 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ސިފައިންނާއި ދަރިވަރުންނާއި ޓީޗަރުންނާއި ސިވިލް ސާވެންޓުންނާއި ޢާންމު ރައްޔިތުން ހިމެނޭހެން ހަތަރު މިލިއަން މީހުން އެ ސަރަހައްދުގައި ގަސް އިންދިއެވެ. އެގޮތުން، އެ މަޝްރޫއުގެ ދަށުން ޓެކްލަމަކާން ސަހަރާގެ އުތުރު އިމުގައި އުތުރުން ދެކުނަށް 25 ކިލޯމީޓަރު ދިގު އިރުމަތިން ހުޅަނގަށް ދެ ކިލޯމީޓަރު ފުޅާ "ފެހި ބޮޑު ފާރެއް" ޗައިނާއިން ބިނާކޮށްފައިވެއެވެ. އެ ފާރަށް ކިޔާ ނަމަކީ "ގްރޭޓް ގްރީން ވޯލް އޮފް ޗައިނާ" އެވެ.
1996 ވަނަ އަހަރު މަޝްރޫޢަށް 10 އަހަރު ފުރުނު އިރު ޓެކްލަމަކާން ސަހަރާގެ އުތުރު ބިތް ސެޓެލައިޓް ރިމޯޓް ސެންސިން ޗާޓުން ފެހިކޮށް ފެންނަން ފެށިއެވެ. 2008 ވަނަ އަހަރު އެކްސޫ ސިޓީ ޤައުމީ ފެންވަރުގެ ފޮރެސްޓް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެއީ ޗައިނާގެ ހުޅަނގު އުތުރުގެ ސަރަޙައްދުގައި އެ ދަރަޖަ ލިބުނު ފުރަތަމަ ސިޓީއެވެ.
އެކްސޫ ފޮރެސްޓްރީ ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު މަޝްރޫޢު މައިގަނޑު ގޮތެއްގައި ނިމުނު އިރު 13.37 މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައިވެއެވެ. 32 އަހަރުގެ ތެރޭގައި އެކްސޫގެ ޖަންގަލީގެ ނިސްބަތް 3.35 އިންސައްތައިން 8.9 އިންސައްތައަށް އުފުލުނެވެ. ސިޓީގެ ފެހި ސަރަޙައްދުގެ ނިސްބަތް 35.46 އިންސައްތައަށް އެރިއެވެ. ކެކެޔާ ސަރަޙައްދަށް ބަލާ ނަމަ ޖަންގަލީގެ ނިސްބަތް 1986 ގައި އަށް އިންސައްތައިން 2020 ގައި 73 އިންސައްތައަށް އެރިއެވެ.
ކެކެޔާ މެމޯރިއަލް ސެންޓަރުގެ ވެރީން ބުނީ ވެލީގެ ތޫފާން ކުރިން އަހަރަކު ތިން މަހަށް ދެމިގެންދިޔަ ނަމަވެސް މިހާރު 20 ދުވަހަށް މަދުކޮށްފައިވާ ކަމަށެވެ. ސަރަޙައްދީ މީޓިއޮރޮލޮޖީ ސްޓޭޝަނުގެ ތަޙުލީލުތައް ދައްކާ ގޮތުން ވެލީގެ ތޫފާން ދުވަސް އެވެރެޖްކޮށް 6.5 ދުވަހަށް މަދުވެ ފިނި މޫސުމުގެ ހޫނުމިން ދެ ދަރަޖައާ ތިން ދަރަޖައާ ދެމެދު މައްޗަށް ގޮސް ވާރޭ ވެހުން 6.1 މިލިލީޓަރާ 18 މިލިލީޓަރާ ދެމެދު އިތުރުވެފައިވެއެވެ. ގްލޯބަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 1980 ގެ އަހަރުތަކުގައި އަހަރަކު 60 މިލިލީޓަރުގެ ވާރެ ވެހުނު ނަމަވެސް މިހާރު ގާތްގަނޑަކަށް 120 މިލިލީޓަރަށް އެ ޢަދަދު ވަނީ އަރާފައެވެ. ވައިގެ ތެތްކަން 17.5 އިންސައްތައަށް އިތުރުވެފައިވެއެވެ.
އަކްސޫގައި ދަނޑުވެރިކަން؛ ފޮޓޯ / ލިންކްއެޑްއިން
ކެކެޔާ ގްރީނިން މަޝްރޫޢަކީ ހަމައެކަނި ގަހުން ހެދިފައިވާ ފާރެއް ނޫނެވެ. އިންދި 102,000 ހެކްޓަރުގެ ގަސްތަކުގެ ތެރެއިން 80 އިންސައްތައަކީ ދަނޑުވެރިކަމަށް ބޭނުންކުރެވޭ ގަސްތަކެވެ. ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ފެށުނީއްސުރެ އެނގުނީ ހަމައެކަނި ހިޔާ ޖަންގަލި އިންދައިފި ނަމަ ބެލެހެއްޓުމުގެ ބޮޑު ޚަރަދު ދެމެހެއްޓެނިވި ނޫން ކަމެވެ. އެހެންކަމުން ޖަންގަލީގެ ތެރޭގައި އާފަލު އަކުރޮޓު ކުނާރު ފަދަ ފައިދާ ލިބޭ ގަސް ހައްދައި ސަރުކާރުން ގަސް އިންދުމަށް ފަހު ދަނޑުވެރީންނާ ބިން ހަވާލުކޮށް ލިބޭ އާމްދަނީ ދަނޑުވެރީންނަށް ދިނެވެ.
މިއަދު ކެކެޔާ މަޝްރޫޢުގެ 86 އިންސައްތައަށް ވުރެ ގިނަ ގަސްތަކުން އިޤުތިޞާދީ ފައިދާ ލިބެއެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް އެކްސޫ ޕްރިފެކްޗާގައި މޭވާ ހައްދާ ބިމުގެ ޖުމްލަ ސަރަޙައްދު 300,000 ހެކްޓަރަށް އެރީ ކަމަށް ޝިންހުވާ ނިއުސް ރިޕޯޓުކޮށްފައިވެއެވެ. ދަނޑުވެރީންނަށް މޭވާ ހެއްދުމުން ބޮލަކަށް އެވެރެޖްކޮށް 5,500 ޔުއާން (ގާތްގަނޑަކަށް 767 ޑޮލަރު) ލިބެއެވެ. އެއީ އެ މީހުންގެ އަހަރީ ޖުމްލަ އާމްދަނީގެ 26.25 އިންސައްތައެވެ.
ކެކެޔާ ގްރީނިން މަޝްރޫޢު ފެށި ވެންސޫ ކައުންޓީ މިއަދު ޗައިނާގެ މަޝްހޫރު މޭވާ އުފެއްދުމުގެ މަރުކަޒަކަށް ވެ މޭވާގެ ޖުމްލަ އުފެއްދުން 30 އަހަރު ކުރީގެ ޢަދަދަށް ވުރެ 20 ގުނައަށް އިތުރުވެފައިވެއެވެ.
އަކްސޫ ޗައިނާ؛ ފޮޓޯ / ޕީޕަލްސް ޑެއިލީ
ކެކެޔާގައި 130 އަށް ވުރެ ގިނަ ދަނޑުވެރި ފަތުރުވެރިކަމުގެ ތަންތަން ހިންގައެވެ. އެ ތަންތަނަށް 1.5 މިލިއަނަށް ވުރެ ގިނަ ޒިޔާރަތްކުރުންތައް ލިބި 758 މިލިއަން ޔުއާންގެ ފަތުރުވެރިކަމުގެ އާމްދަނީ ލިބިފައިވެއެވެ. އެ ތަންތަނުން އެތައް ހާސް ގޭބީސީތަކަށް ވަޒީފާ ފޯރުކޮށްދީފައިވެއެވެ.
2015 ވަނަ އަހަރު ކެކެޔާ މަޝްރޫޢަށް ފަހު އެކްސޫ ކޯރުގެ ވާދީ ވީގާން ކޯރުގެ ވާދީ އަދި ކޮންގްޓައިލިކް ސަރަޙައްދުގައި "ތިން މިލިއަން މޫ" ގެ ތިމާވެށީގެ އިޢާދަކުރުމުގެ ބޮޑެތި މަޝްރޫޢުތައް ފެށިފައިވެއެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ޓެކްލަމަކާން ސަހަރާގެ ދެކުނު ބިތުގައި ފަހު ގަސްތައް އިންދައި 3,046 ކިލޯމީޓަރުގެ ފެހި ބެލްޓު ޗައިނާއިން ވަނީ ފުރިހަމަކޮށްފައެވެ.
ކެކެޔާ މަޝްރޫޢަކީ ޗައިނާގެ ތިމާވެށީގެ އިޢާދަކުރުމުގެ ނަމޫނާ މޮޑެލެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބެލެވެއެވެ. 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުނުކެނޑި މަސައްކަތުން ކެކެޔާ ސަރަޙައްދު ވެލީގެ ތޫފާން ޖެހޭ ތަނެއްގެ ގޮތުގައި އޮވެފައި ފެހި ވެށްޓަކަށް ބަދަލުވެފައިވެއެވެ. ހަތަރު ޖީލުގެ ރައްޔިތުންގެ ހިތްވަރާއި ޢަޒުމުން ބިނާކުރި މި ފެހި ފާރު ހަނަފަސްކަމާ ދެކޮޅަށް ދުނިޔެ ކުރާ މަސައްކަތުގައި ޗައިނާގެ ދައުރު ދައްކުވައިދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists