އެންމެފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ އާއްމު ޖަލްސާގައި ކޮންގްރެސްޕާޓީގެ ކައުންސިލަރު އިބްރާހިމް ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މައިކް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިއްޔެ ބެއްވި އެ ޖަލްސާގައި ސަމާހް ވާހަކަ ފެއްޓެވީ ރަސްމާލޭގެ ވާހަކައިންނެވެ. ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ. ސަމާހް އެވާހަކަ ދެއްކެވީ އެމްޑީޕީ ސަރުކާރުން ހުޅުމާލޭން ހިއްކި ބިންތައް މި ސަރުކާރުން ނަހަމަގޮތުގައި ހިފަމުން ގެންދާކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ކަނޑުފަޅުން ގޯތި ދިން ވާހަކައަކީ ކުދިބޮޑު އެންމެނަށް އެނގޭ ވާހަކައެއްކަމަސް ވިދާޅުވި ހިސާބުން ޤާލިބް ވަނީ ނިކަން ސިއްރުން ސަމާހްގެ މައިކު އޯފް ކޮށްލާފައެވެ. މިކަމާ ގުޅިގެން މޭޔަރު އަދި ސަމާހް ކައިރީ އިންނެވި އެމްޑީޕީ މެމްބަރު އިރާޝާވެސް ވިދާޅުވީ މައިކް އޯފް ނުކުރާކަމަށެވެ. އަދި އެއީ މެމްބަރުން އަމިއްލައަށް ކުރާ ކަމެއްކަމަށްވެސް ބުންޏެވެ.
ވީޑިއޯއިން ޤާލިބް މައިކް އޮފްކުރާ މަންޒަރު ފެންނައިރު، ފަހުން އެވާހަކަ ދެއްކިއިރު ޤާލިބް ވަނީ ސަމާހް އަމިއްލައަށް މައިކް ކަނޑާލެއްވި މޭރުމަކުން އޭނާގެ ހަރަކާތްތައް ގެނެސްފައެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި ޤާލިބަށް ދަނީ އަމާޒުކުރަމުންނެވެ. ގިނަބަޔަކު ބުނާގޮތުގައި ރަސްމީ މިފަދަ ބައްދަލުވުމެއްގައި އިދިކޮޅު މެމްބަރަކު ވާހަކަދެއްކި ނަމަވެސް އެ ވާހަކައެއް އަޑުއެހުމުގެ ގާބިލްކަން ހުންނަން ޖެހޭނެއެވެ. އެގޮތުން މިކަމަކީ ޑޮމޮކްރަޓިކް ވެއްޓެއްގައި ހުންނަން ޖެހޭނޭ އަސާސީ ސިފައެއްކަމަށްވެސް ހިޔާލްފާޅުކުރި ބައެއް މީހުން ފާހަގަކުރިއެވެ.
އެމްޑީޕީ ސަރުކާރުން ނުހިއްކާ އޮތްތަނަކުން ގޯތި ދީފައިވާކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ.މުއްތަލިބްވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތަންތަން ހިއްކައި މިހާރު ގޯތީގެ ހައްޤުވެރިންނަށް އެތަންތަން ދޫކުރަމުންދާކަމަސް ސަރުކާރުން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists