ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
ދުބާއީގައި ހޯމަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށާއި، މިފަދަ ބޮޑު މަޝްރޫޢަކާ މެދު ކަންބޮޑުވުންތައް އުފެދުމަކީ ޠަބީޢީ ކަމެއް ކަމަށެވެ.
މަޝްރޫޢު ފަށާއިރު އެއްފަހަރާ ބޮޑު އަގެއް ނުނަގާ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ޓޫރިޒަމްގެ ބިންތަކުގެ އެކުއިޒިޝަން ކޮސްޓާއި ކުއްޔަށް ވުރެ، އިޤްތިޞާދީ ޙަރަކާތްތަކުން ލިބޭ ޓެކްސްގެ އާމްދަނީ މާ ބޮޑު ކަމަށެވެ. އެގޮތުން، 2024 އަދި 2025 ވަނަ އަހަރު ލިބުނު ޓީޖީއެސްޓީ އާމްދަނީ ބިމު ކުއްޔަށްވުރެ ފަސް ގުނަ އިތުރުކަން ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢުން ދައުލަތަށް އާމްދަނީ ލިބޭނީ:
ހުރިހާ ޚިދުމަތަކުން އެއްވެސް ލުޔެއް ނުދީ ނެގޭ ޓީޖީއެސްޓީ
މާސްޓަރ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ހިއްސާ.
ހުރިހާ ޕްރޮޕަޓީ މުޢާމަލާތްތަކަކުން 4 އިންސައްތަ.
މީގެ އިތުރުން، މި މަޝްރޫޢުގެ ވިއްކުންތަކުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، މި ފައިސާ ދައުރުވާނީ ދިވެހި ބޭންކުތައް މެދުވެރިކޮށް ކަމަށްވުމަކީ ރާއްޖޭގެ ޑޮލަރުގެ ދަތިކަމަށް ލިބޭނެ ބޮޑު ހައްލެއް ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢަށް ދައުލަތުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި، ސޮވަރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ވެސް ނުދޭނެ ކަމަށް ވިދާޅުވިއެވެ.
މަޝްރޫޢު ފުރިހަމަވުމުން އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، މަޝްރޫޢުގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި، 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދޭނެއެވެ.
މާލެއިން ފުރައިގެން 17 މިނެޓުން ދެވޭ ރަސްމާލޭގެ ސަބަބުން، ރިސޯޓު ވަޒީފާތަކަށް އާއިލާއާ ދުރުގައި ތިބެންޖެހޭ ޒުވާނުންނަށް، މަސައްކަތް ނިންމާލުމަށްފަހު ކޮންމެ ދުވަހަކު އާއިލާ ކައިރިއަށް ދެވޭނެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީން ފާހަގަކުރެއްވި ކަންބޮޑުވުމަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި 3 ކޮޓަރީގެ 5،000 ހައުސިންގ ޔުނިޓް އެޅުމަށް އީގަލް ހިލްސްއިން 400 އާއި 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް އިންވެސްޓް ކުރާނެ ކަމަށެވެ. މިއީ ސަރުކާރުން އެއްވެސް ދަރަންޏެއް ނުނަގައި، ރަސްމާލޭގެ އާމްދަނީން ސަރުކާރަށް ލިބޭ 10 އިންސައްތައިގެ ހިއްސާއިން ކަނޑާ ގޮތަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ހަމައެއާއެކު، ރަސްމާލޭގެ ދެބައިކުޅަ އެއްބައި (500 ހެކްޓަރު) ޚާއްޞަކޮށްފައިވަނީ ދިވެހިންގެ ބޯހިޔާވަހިކަމަށެވެ. މިއީ 150،000 މީހުންގެ އާބާދީއަކަށް ފުދޭ މިންވަރެކެވެ.
މި މަޝްރޫޢުގެ ސަބަބުން ޤައުމީ ސިޔާދަތަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. ބޭރު މީހުންނަށް ދާއިމީ މިލްކުވެރިކަން (ފްރީހޯލްޑް) ނުލިބޭނެ ކަމަށާއި، ހުރިހާ ތަނެއްގައި ވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުތައް ކަމަށް ވިދާޅުވިއެވެ. އަދި ބޭރު މީހުން ޕްރޮޕަޓީ ގަތުމަކުން ރެސިޑެންސީ ވިސާ ނުވަތަ ރައްޔިތުކަން ލިބޭނެ އެއްވެސް ދޮރެއް ނޯންނާނެ ކަމަށާއި، ވިސާ ބާޠިލްކޮށްފިނަމަ އެމީހަކު ޖެހޭނީ ޤައުމުން ފުރައިގެން ދާން ކަމަށް ބަޔާންކުރެއްވިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް ބޭފުޅުން މި މަޝްރޫޢަކީ އިސްރާފެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ޙަޤީޤީ އިސްރާފަކީ ބިން ހިއްކުމަށްފަހު އަސާސީ ޚިދުމަތްތައް (ފެން، ނަރުދަމާ، ކަރަންޓު، މަގުތައް) ޤާއިމުނުކޮށް އަހަރުތަކެއް ވަންދެން ފަޅަށް ބޭއްވުން ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން މި ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރުގެ ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކާފައިވާއިރު، އިޤްތިޞާދު ސިންދަފާތު ނުކޮށް ޤައުމު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ދުބާއީއާއި ސިންގަޕޫރުގެ މޮޑެލް މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވިއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އީގަލް ހިލްސް އަދި އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލަ އައްބާރަކީ ދުނިޔޭގެ ފެންވަރުގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަވާފައިވާ ތަޖުރިބާކާރެއް ކަމަށާއި، މި މަޝްރޫޢުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވައި، ރައްޔިތުން ސަރުކާރަށް އިތުބާރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists