މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނި ގޮތުގައި، މި ބަދަލު ގެންނަން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ. އެހެންކަމުން، މި ތާރީޚުން ފެށިގެން R10 (އޯކިޑް ރޫޓް) އަދި R15 (އޮރެންޖް ރޫޓް) ގެ ބަސްތައް ވެސްޓްޕާކް ބަސް ސްޓޮޕަކަށް މަޑެއް ނުކުރާނެއެވެ.
މި ބަދަލާއެކު މި ދެ ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު މަދަރުސާ ކައިރީގައި ހުންނަ ބަސް ސްޓޮޕުންނެވެ.
އަދި މި ބަސްތައް މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށްފަހު، ހެންވޭރުން އެނބުރި މާފަންނަށް އަންނައިރު ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް، ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުރުމަށްފަހު ސަބްދެލި މަގުން މަޖީދީ މަގަށް ނިކުމެ އާންމު ރޫޓަށެވެ.
މަގު ބަންދުކުރުމާ ގުޅިގެން ބަހުގެ ޚިދުމަތަށް ގެނެވުނު މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މަޢާފަށް އެދިފައެވެ.
އަދި މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް ވެސް އެމްޓީސީސީން އެދިފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists