ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، އެ ކުލާހުގެ "ވޯޓަރ ބްރޭކް" ވަގުތުގައި އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން، އޭނާ ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް، ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް އެދުވަހުގެ ހަވީރު 18:14 އެހައިކަންހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ހާދިސާގައި ނިޔާވި އަންހެން މީހާގެ ހަށިގަނޑު އިތުރު މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްޓަކައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ޓެސްޓުތައް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists