މާލެ އަތޮޅު ހިންމަފުށީގައި މަސްތުވާތަކެތީގެ ފަރުވާއަށް ޚާއްޞަ 500 މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި މި މަޝްރޫޢު ހިންގާ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ މިންވަރާ އަޅައިބަލާއިރު ފަރުވާ ލިބެމުން ދަނީ ނިސްބަތުން ވަރަށް މަދު ބަޔަކަށް ކަމަށެވެ.
މީގެ ކުރިން ޑްރަގް ރިހެބިލިޓޭޝަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި މި އައު އިމާރާތުގެ ސަބަބުން ރަނގަޅު ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މަސްތުވާތަކެތި ހުއްޓުވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ. މި ވިއުގަ އެކުލަވާލީ ރައީސްގެ ސީދާ އިންސްޓްރަކްޝަނާއެކު. ވަރަށް އަގު ހުރި ވަރަށް ޤައުމީ މަސައްކަތްތަކެއް ބަޔަކު ކުރައްވައިގެން މި ހިސާބަށް މިކަން އައީ."
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާ ވިދާޅުވި
މިހާރު ހިންމަފުށީގައި ހުރި ރިހެބިލިޓޭޝަން ސެންޓަރަކީ 174 މީހުންގެ ޖާގައިގެ ތަނެއް ނަމަވެސް އިމާރާތް ބާވެ ގެއްލުންވެފައި ވުމުގެ ސަބަބުން މިހާރު ފަރުވާ ދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.
ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރު ހިމެނޭ ބިމުގެ ބައެއް ވެސް ހިމެނޭ ގޮތަށް އެ ސެންޓަރު ކައިރީ އޮތް ހުސް ބިމުގައެވެ. އެ އިމާރާތުގައި މަސްތުވާތަކެތީގެ ވަށައިޖެހޭ ފަރުވާގެ އިތުރުން ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭ ޞިއްޙީ ފެސިލިޓީއެއް ހިމެނޭކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. ހުނަރު ތަރައްޤީކުރުމާއި ކައުންސެލިންގެ ޚިދުމަތް ވެސް އެ ތަނުން ފޯރުކޮށްދޭނެއެވެ.
މި އިމާރާތް ފަރުމާކޮށްފައި ވަނީ 50 އަހަރުގެ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists