ކ. ގުރައިދޫ ކައުންސިލުން އެ ރަށުގައި ތަރައްގީކުރި ރީތި ފެރީ ގިމަތަ މިހާރު ވަނީ ބޭނުންކުރަން ފަށާފަ އެވެ. މިއީ ގުރައިދޫގެ ނިމިދިޔަ ކައުންސިލުން ފެށި މަސައްކަތެވެ. މުޅި މަސައްކަތް މި ދައުރުގައި ނިންމާ މިހާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ.
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ. ފެރީ ގިމަތަ ތަރައްގީކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ. އެތެރޭގެ ޑިޒައިން ވަރަށް ހިތްގައިމެވެ. އަދި މަތީން ވަށައިގެން ފަންޖަހާފައިވުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ފުރިހަމަކަން ވަނީ ގެނެސްދީފައި -- ފޮޓޯ: ކައުންސިލް އިދާރާ
މިއީ މި ފަހުން ރަށެއްގައި ތަރައްގީކުރި އެންމެ ތަފާތު އަދި އެންމެ ރީތި އެއް ފެރީ ގިމަތަ އެވެ. ފެރީ ގިމަތައާއެކު އެތާންގެ ކައިރީގައި ދަތުރުވެރީންނަށް ހާއްސަކޮށް ދަތުރުވެރީންގެ ހިޔާއެއް ވެސް ވަނީ ތަަރައްގީކޮށްފަ އެވެ. އެތަން ހަދާފައިވަނީ ބޯވަދިލަމަހެއްގެ ޑިޒައިނަށެވެ.
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ފުރިހަމަކަން ވަނީ ގެނެސްދީފައި -- ފޮޓޯ: ކައުންސިލް އިދާރާ
އެތަން ހަދާފައިވަނީ ވީއައިޕީ ލޮޖަކާ ވެސް އެކު އެވެ. އެހެން ކަމުން ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރީންނަށް މަރުހަބާ ކިޔުމަށް އެތަން ބޭނުން ކުރެވޭނެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ދަތުރުވެރީންނަށް މަޑުކޮށްލެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ. ހުޅުވާލެވިފައިވާ ސަރަހައްދުގައި ޖޯލިފަތިތައް ބަހައްޓާ އިށީންދެ ތިބެވޭނެ އިންތިޒާމު ކުރެވިފައިވެ އެވެ.
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ފުރިހަމަކަން ވަނީ ގެނެސްދީފައި -- ފޮޓޯ: ކައުންސިލް އިދާރާ
އަދި ދަތުރުވެރީންނަށް ހާއްސަކޮށް ފާހާނާ ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ. މުޅިތަން ޑިޒައިން ކޮށްފައިވަނީ ފަތުވެރިން ޝައުގުވެރިވާނެ ފަދަ ގޮތަކަށެވެ.
ވޮއިސްއާ ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ ފެރީ ގިމަތައާއެކު ރަށުގެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށެވެ. ގުރައިދޫ އަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އަރާ ފައިބާ ރަށަކަށްވުމުން ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ އަދަދަކަށް ލޯންޗު ދަތުރުތައް އޮވެ އެވެ.
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ފުރިހަމަކަން ވަނީ ގެނެސްދީފައި -- ފޮޓޯ: ކައުންސިލް އިދާރާ
ފެރީ ގިމަތައާ އެކު ރަށަށް އަރާ ފޭބުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ތެރެއިން ކުރެވެމުންދާކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި އެވެ.
"އެއީ ވަަރަށް ބޮޑު ލުއި ފަސޭހައެއް. ކުރީން ވިއްޔާ އެހެން އުޅަނދުތަކުގެ ސަބަބުން އަރާ ފައިބުމަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައި އޮތީ. ނަމަވެސް ފެރީ ގިމަތައާއެކު އެކަން މިހާރު ވަނީ ވަރަށް ބޮޑަށް ތަރުތީބުވެފައި. މިއީ ދަތުރުވެރީންނަށް ލިބުނު ބޮޑު ފަސޭހައެއް," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މި ޕްރޮޖެކްޓަށް 2.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. މި ގިމައިގެ އޮނިގަނޑު ހަދާފައިވަނީ ޗައިނާގަ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ މި އޮނިގަނޑުގައި ބޭނުންކޮށްފައިވަނީ ފެންވަރު ރަނގަޅު މެޓީރިއަލް ކަމުގައި ވިދާޅުވި އެވެ.
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ފުރިހަމަކަން ވަނީ ގެނެސްދީފައި -- ފޮޓޯ: ކައުންސިލް އިދާރާ
ގުރައިދުއަކީ ރަށު ފަތުރުވެރިކަމުގައި ވެސް މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ބޮޑު އާބާދީއެއް އޮތް އެ ރަށުގައި މިހާރުވެސް 23 ގެސްޓް ހައުސްއެއް އޮޕަރޭޓް ކުރަމުން ގެންދެ އެވެ. އެއީ 400 ވުރެ ގިނަ އެނދެވެ.
އެ ރަށަކީ ދިވެހީންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ރަށެވެ. ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށްވެސް ވަރަށް ގިނަ އަދަދެއްގެ ދިވެހީން އެ ރަށަށް ޒިޔާރަތް ކުރެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists