Advertisement

މިފަހަރުވެސް ކުޅުދުއްފުށި މަށިމާލި ޕެރޭޑުން އެންމެން ހެއްވާލައިފި

13 Aug 2019 | 11:10

ހދ.ކުޅުދުއްފުއްޓަކީ އަބަދުވެސް އަޟްހާ އީދުގެ މުނާސަބަތާއި ގުޅިގެން ފޯރިގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ރަށެކެވެ. މިގޮތުން އެރަށުގެ އާންމުންނާއި ރަށުން ބޭރުގެ ގިނަ ބަޔެއްގެ ސަމާލުކަން ދަމައިގަންނަ އެއް ހަރަކާތަކީ މަށިމާލި ޕެރޭޑެވެ. ކުޅުދުއްފުށީގައި އޮންނަ ކުޅިން ނަގާ މަށިން މާލި ހެދިގެން، އެރަށުގެ މަގުތަކުގައި ކުޑަކުދިން ހިނގާއިރު އޭގެ ތެރޭގައި ގައުމުގެ ސިޔާސީ ކަންކަމަށް ހަޖޫޖެހުމަކީ ގިނަ އަހަރުތަކެއް ވަންދެން އެރަށުގައި ކޮށްއުޅުނު ކަމެކެވެ.

ވޮއިސްއަށް މައުލޫމާތުދިން ކުޅުދުއްފުށީގެ ޒުވާނަކު ބުނީ އެ ޕެރޭޑް އޮންނަ ހަނދާން އަބަދުވެސް ވާކަމަށާއި ރަށާއި ގައުމުގެ ހާލަތާއި މެދު މާލި ޕެރޭޑް މެދުވެރިކޮށް އަބަދުވެސް ބަސްބުނެ ހަދާ ކަމަށެވެ. އަދި އެ ޕެރޭޑްގެ މައިގަނޑު އެއް މަގްސަދަކީ ސަރުކާރުތަކުންވާ ވައުދުތައް، މަޖާޒީ ގޮތެއްގެ ތެރެއިން އެފަރާތްތަކަށް ހަނދުމަ ކޮށްދިނުންކަމަށް އޭނާ ބުންޏެވެ.

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިފަަހަރުވެސް މަށިމާލި ޕެރޭޑް ވަނީ އިއްޔެ ބާއްވާފައެވެ. ވާރޭވެހި އެރަށުގެ މަގުތަކުގައި ފެން ހެދިފައި އޮތްކަމުގައިވިޔަސް، އެ ޕެރޭޑް ބަލާލުމަށް ގިނަބަޔަކު ނުކުތެވެ.

މި ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ވައިރަލްވަމުންދާއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާގެ ސޫތުކުޅިއަށް ފިލުމަށް ޖޯކްޖަހައި ހެދި ފުޅަނދުތަކެވެ. އޭގެން އެ ޓަގްބޯޓުތައް ދައްކުވައިދިން އިރު، ގިނަބަޔަކަށް މިކަންވަނީ ހެއްވާ ކަމަކަށްވެފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ހޮސްޕިޓަލްގެ ތަރައްގީގެ މަޝްރޫއުއާއި، ބޯހިޔާވަހިކަމުގެ ދައްޗާއި، ބާޣީ ލުތުފީ މާލެ އައުމާއި، އެއާޕޯޓާއި އިންޓަރނެޓް އަގުބޮޑުވެ ލަސްވުން ފަދަ ކަންކަމަށް ވަނީ ހަޖޫޖަހައިފައެވެ.

ފޮޓޯ: ކުުޅުދުއްފުށީ ލައިވް

Advertisement

ކޮމެންޓް