ޕާޕާ ސޭމް: އެއްފަހަރު ގޮސްގެން ނުފުދޭނެ ވަރުގެ ތަނެއް!

22 Aug 2019 | 07:58

ތޮއްޖެހިފައިވާ މާލޭގެ ހާސްކަމާއި ބައިބޯކަމުން ސަލާމަތްވުމަށް ގިނަބަޔަކު މިހާރު އަންނަ ތަނަކީ ހުޅުމާލެއެވެ. މިހާރުގެ ޓްރެންޑަކީ ބްރިޖު ހުރަސްކޮށްލުމަށްފަހު، ހުޅުމާލެ ގޮސް ބުރެއް ޖަހާލުމަށްފަހު އެކުގައިދާ ފަރާތްތަކާއި އެކު ކެއުމަކަށް ނުވަތަ ކޮފީ ތައްޓަކަށް އިންސާފުކޮށްލުމެވެ. މިފަދައިން ކެއުމަކަށް ނުވަތަ ކޮފީއަކަށް އިންސާފު ކުރުމުގައި ހުޅުމާލޭގެ ރަށްވެހިންނާއި މާލޭގެ ރަށްވެހިންވެސް އުޅެމުންދެއެވެ. މި ފަރާތްތަކުގެ ކިބައިގައި އެންމެ މަގުބޫލު އެއްތަނަކަށް ވެފައިވަނީ ޕާޕާ ސޭމްއެވެ.

ހުޅުމާލޭގެ ސޮނީ ހާޑްވެއަރ ކުރިމައްޗަށް އިންނަ ގޯޅިގަނޑުގައި އިންނަ ޕާޕާ ސޭމްއަކީ ފާސްޓްފުޑްއަށް ޚާއްސަ ތަނެކެވެ. ނަމަވެސް އެތަނުގައި ހަމަ އޭގެ އިތުރުން ގިނަ ރަހަތަކުގެ ކެއުންތަކާއި ބުއިންތައް ލިބޭކަން ފާހަގަކޮށްލެވެއެވެ.

ރޭގެ ވަގުތެއްގައި ރައްޓެއްސަކާއި އެކު އެތަނަށް ދިޔައީ ސޯޝަލް މީޑިޔާގައި މަގުބޫލު ތަނަކަށްވުމުން، އެ މަގުބޫލުކަމަކީ ރަނގަޅު މާކެޓިންގތޯ ނުވަތަ ހަމަ މީރު ރަހަތޯ ބަލާލުމަށްޓަކައެވެ. އެތަނަށް ވަނުމާއި އެކު ފުރަތަމަވެސް ކުރެވުނީ ރާއްޖޭގެ އެހެން ރެސްޓޯރެންޓްތަކާއި އަޅާބަލާއިރު، މުޅިން ތަފާތު އިހުސާސެކެވެ.

މުޅި ތަނުގެ ބޮޑުބައިގައި ފެހިކުލައިގެ އަސަރުތައް އިންދާފައި ހުރި ގަސްތަކުން ދިޔައީ ފެންނަމުންނެވެ. އާދައިގެ ނަމަވެސް ހިތްހަމަޖެހޭ އިންޓީރިއަރއެއް އިން މި ރެސްޓޯރެންޓްގައި ހުރީ މާ ގަދަނޫން ނަމަވެސް ހިތްފަސޭހަ އައްޔެެކެވެ. އިށީންނާނެ ޖާާގަަތައްވެސް ފުދޭވަަރަކަށް ހުއްޓެވެ. އެތަނަށް ވަދެ މޭޒުގައި އިށީނދެލުމުން ހިނިތުންވުމަކާއި އެކު ވެއިޓަރަކު އައިސް މަރުހަބާ ކިޔައި މެނޫ ދައްކާލިއެވެ. ކެއުމުގެ މެނޫއާއި ބުއިމުގެ މެނޫގައި ގިނަ އަދަދެއްގެ ކާތަކެތި ހުރިއިރު، އަގުތައްވެސް ހުރީ އެންމެ އާދައިގެ މީހާއަށްވެސް ކާލެވެނެހާ އަތްފޯރާ ފަށުގައެވެ.

ރެސްޓޯރެންޓަކަށް ދިއުމަށްފަހު ކާނެއެއްޗެއް ޚިޔާރުކުރުމަކީ އެންމެ ދަތިއެއްކަމެވެ. ފަނަރަ ވަރަކަށް މިނެޓުގެ ވިސްނުމަކަށްފަހު، އަހަންނާއި އަހަރެންގެ ރައްޓެއްސަށް ފެނުނީ ޕާޕާ ސޭމްއަކީ ފާސްޓްފުޑްއަށް ޚާއްސަ ތަނަކަށް ވުމުން ފާސްޓްފުޑެއް ނަގާށެވެ. އެގޮތުން އަަހަރެން ނެގީ ޗިކަން ސަބްމެރީނެކެވެ. އަދި އަހަރެންގެ ރަހުމަތްެތެރިޔާ ނެގީ ކްރިސްޕީ ޗިކަން ބާގާއެކެވެ. ބުއިމަށްޓަކައި ނެގީ އައިސް ލެމަން ޓީ އަދި ބަޓަރސްކޮޗް ފްރަޕޭ އެކެވެ.

އޯޑަރު ދިންތާ ގާތްގަނޑަކަށް ދިހަ މިނެޓްގެ ތެރޭގައި ބުއިމަށްނެގި ތަކެތި އަތުވެއްޖެއެވެ. ދެ ބުއިމުގެ ރަހަވެސް ވަރަށް މީރެވެ. ޚާއްސަކޮށް އަހަރެންގެ ރަހުމަތްތެރިޔާ ގެނައި ބަޓަރސްކޮޗް ފްރަޕޭގެ ރަހައަކީ ކުޑައިރުގެ ހަނދާންތައް ގެނެސްދިން ބުއިމެކެވެ. އޭނާއާއި އަހަންނަށްވެސް އެ ބުއިމުން ކުޑައިރު ކައި އުޅުނު ސޮލާނޯ މެޓާގެ މަތިން ހަނދާންވިއެވެ. އައިސް ލެމަން ޓީވެސް ހަމަ ވަރަށް މީރެވެ.

އޭގެ އިރުކޮޅެއް ފަހުން ކާއެއްޗެހި ގެނައެވެ. ބާގަރ އަދި ސަބްމެރިންގަވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކުގައި އާންމުގޮތެއްގައި ސާވްކުރާ ވަރަށްވުރެ ސައިޒް ބޮޑުވެފައި މަސް ގިނަވުމެވެ. އެގޮތުން ބަލާލާއިރު، އާންމު ގޮތެއްގައި މާލޭގެ ރެސްޓޯރެންޓްތަކުން ޗިކަން ސަބްމެރިން ދޭނީ ކިއުބް ޗިކަން އަޅާފައެވެ. ނަމަވެސް ޕާޕާ ސޭމްގެ ތަފާތަކީ ބައިވަރު ޝްރެޑެޑް ޗިކަން އަޅާފައި ދިނުމެވެ. އޭގެ ސަބަބުން ކުކުޅުގެ ރަހަ މާބޮޑަށްވެސް އަނގަޔަށް ވާސިލްވެއެވެ. ބާގަރ އަދި ސަބްމެރިންއާއި އެކު ގެނައި ޗިޕްސް އަދި ޕާޕާ ސޭމްގެ ހޯމް މޭޑް ސޯސްވެސް އެހާމެ މީރެވެ.

އެތަނުގައި ޖަހާފައިވާ މިއުޒިކުގެ ރާގާއި އެއްވަރަށް ކައި ހުސްކުރިއިރު، ފޮނިއެއްޗެއް ނަގާލާނެ ޖާގައެއް ނެތެވެ. ނަމަވެސް ތަންކޮޅެއް ގަދައަށް ކާލެވޭނެ މީހެއް ނަަމަ ޕާޕާ ސޭމްގެ ފޮނިކާތަކެތީގެ އޮޕްޝަންތަކުން އެއްޗެއް ނަގާލަންވީއެވެ.

ޕާޕާ ސޭމްއަކީ ހަމައެކަނި ބްރޭންޑެއް ހަދައިގެން މޮޅަށް ޕްރޮމޯޝަން އެކަނި ޖައްސާބައެއް ނޫންކަން ރޭ ސާބިތުކޮށްދިނެވެ. އެތަނުގެ މާހައުލާއި، ޚިދުމަތާއި ކާާއެއްޗެހީގެ ޖާދޫގައި ހަމަ ގައިމުވެސް ޖެހިއްޖެއެވެ. މިފަހަރު މިވީ ގޮތުން އަހަންނާާއި އަހަރެންގެ ރަހުމަތްތެރިޔާ އެތަނުގެ ދާއިމީ ކަސްޓަމަރުންނަށް ވެއްޖެއެވެ.

Advertisement

ކޮމެންޓް