އަޅުގަނޑުމެންގެ ގައުމަށް މިހަދަނީ ކިހިނެތްހެއްޔެވެ؟

03 Sep 2019 | 10:49

އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ގައުމަށް މިއަދަކީ ތާރީޚީ ދުވަހަކަށް ވެގެންދާނެއެވެ. މިއަދަކީ ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީއުލް އާޚިރް މަހެއްގައި ދިވެހި ރާއްޖޭގެ ރައްޔިތުން ޝިރުކުގެ ޖަހާލަތުކަމުގައިވާ ބުދަށް އަޅުކަންކުރުމުގެ ނުބައިކަމުގެތެރެއިން، ﷲ ސުބުހާނަހޫ ވަތަޢާލާގެ ހިދާޔަތުގެ ނޫރްކަމުގައިވާ އިސްލާމްދީނަށް އެބުރުނީއްސުރެ ވޭތުވެދިޔަ 893 އަހަރުގެތެރޭގައި އަހަރެމެންގެ ކާބަފައިން އަހަރެމެންނާއިގެން ހިގާފައިނުވާ މަގަކުން ހިގުމަށް އަހަރެމެން ނިންމާނެ ދުވަހެކެވެ. އެމަގުން އަހަރެމެންނާ އަހަރެމެންގެ ދަރީންގެ ދަރިން ލަވައިގެންދިއުމަށްޓަކައި އިސްލާމީ އުއްމަތުގެ އިލްމީ ކުރިބޯށިތައް އެންމެ އުހަށް ގެންގޮސްދިން މަޝްހޫރު އަޒްހަރު ޔުނިވަރސިޓީއަށް އެޔުނިވަރސިޓީގެ މުސްކުޅި ތާލިބަކު ގޮންޖަހައި، އިސްލާމްދީނުގެ މަތިވެރި ޝަރީއަތަށް ޖާހިލުވެރިންތަކަކަށް ބައިއަތު ހިފައި، ޓެލެސްކޯޕުން އުޑުގެތަރިތައް ބަލައި އެމީހުންނަށް ދައްކައިދީފައިވާ މަގުން މިއަދަކީ ދަތުރުފަށާ ދުވަހެވެ.

އާދެ ކުރުކޮށް ބުނާނަމަ ވޭތުވެދިޔަ 890 އަހަރުގެތެރޭގައި މިސައްތައިން ސައްތަ އިސްލާމީ ދިވެހި ދައުލަތުގެ އިސްގާޟީއަކަށް އަންހެނަކު މިއަދު އިސްކުރާން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމާނެއެވެ. އެކަންކުރަނީ ދިވެހި ރާއްޖެއަށް ކްރިސްޓިއަން ވެސްޓަން ލިބަރަލް ޑިމޮކްރަސީ ތައާރަފްކުރިކަމަށް ފަޚްރުވެރިކަމާއެކު ދައުވާކުރާ އެމްޑީޕީންނެވެ. ދިވެހި ގައުމަށް ނުހަނު އޯގާތެރި، ހެޔޮ އެދިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެން އެ އިއްޒަތްތެރި ރައީސްގެ ހިރިޔާ ފާތުރާދަށުން ނިންމާ ނިންމުމެއްގެ ގޮތުންނެވެ. އެކަންނުކުރުމަށް އެމްޑީޕީއަށް ނުހަނު ހެޔޮއެދިވަޑައިގަންނެވި، އަދި އެޕާޓީގެ އިސްވެރިން އެއިލްމުވެރިއކަށް ނުހަނު އިހްތިރާމްކުރިކަމަށް ބުނާ، މުޅި ދިވެހި ރާއްޖޭގައި ގުރުއާންގެ އިލްމަށް އެފަދަ ދެވަނައެއް ނުވާ އާލިމްގެގޮތުގައި ހިމެނިވަޑައިގެންނެވި މަރްހޫމް ޑޮކްޓަރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމުގެ ވަގުތު ގާތްވި ހިނދު، އެއާލިމްގެ ޕާޓީގެ ބޮޑުންނާއި އަދި އެޕާޓީއަށް ބައިއަތު ހިފައިގެންތިބި މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް ފަދަ ވެރިންގެ ޙާޟިރުގައި ކުރެއްވި މަތިވެރި ވަސިއްޔަތުގެ ހުރުމަތް ކަނޑާލުމަށްފަހުއެވެ.

މިއާޓިކަލާއިބެހޭގޮތުން ކުރިއަށް ދިއުމުގެ ކުރިން މަރްހޫމް ޑޮކްޓަރ އަބްދުލް މަޖީދު އަބްދުލް ބާރީގެ ވަސިއްޔަތެއްފަދަ ބަސްފުޅުތައް އަލުން ހަނދާންކޮށްލާނަމެވެ. އަންހެނަކު ގާޟީކަމަށް އައްޔަންކުރުމުގެ މައްސަލައާމެދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ.

" މިމައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކާއިރުގައި، ގާޟީންގެ ޝަރުތުތަކުގެތެރޭގައި، ފިރިހެނަކު ކަމުގައިވުން އެއީ ޝަރުތެއްކަމަށް، ހުރިހާ އިލްމުވެރިންވެސް އިއްތިފާގުވެވަޑައިގަންނަވާ. ހަނަފީ މަޒްހަބުގެ އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި، އާއިލީ ކަންކަމާއިބެހޭ ކަންތަކުގައައާއި މަދަނީ މައްސަލަތަކުގައި އަންހެނުން ހުކުމްކުރުން އެއީ ހުއްދަކަމެއް. އެހެންނަމަވެސް ޖުމްހޫރު އިލްމުވެރިން ނުވަތަ ގިނަ އިލްމުވެރިންގެ ރައުޔުގައި އެއްވެސް ކަމެއްގައި އަންހެނަކު ގާޟީކަމަށް އައްޔަންކުރުން ހުއްދައެއް ނުވާނެ. އަލް އިމާމް އަލް ތަބަރީ އަންހެނުން ގާޟީކަމަށް އައްޔަންކުރަން ހުއްދަކަމަށް ވިދާޅުވެފައިވާކަމަށް ބައެއް އިލްމުވެރިން ވިދާޅުވެފައިވޭ. އެހެންނަމަވެސް މާލިކީ މަޒްހަބުގެ އިލްމުވެރިއެއްކަމުގައިވާ އަލް އިމާމް އިބްނި އަލް ޢަރަބީ އެކަލޭގެފާނުގެ އަހުކާމުލް ގުރުއާންގައި ވިދާޅުވެފައިވަނީ އަލް އިމާމުއް ތަބަރީގެ އަރިހުން ސައްހަ މަގަކުން އެފަދަ ބަސްފުޅެއް އައިސްފައިނުވެއޭ.

ކޮންމެއަކަސް މިވާހަކަތަކުގެ ޚުލާސާއަށް އަޅުގަނޑުމެން ބަލާލާއިރުގައި އެއީ އަބޫ ހަނީފާގެ ރައުޔަށް ބެލިކަމުގައިވިޔަސް، އެއީ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބެލިކަމުގައިވިޔަސް އެއްވެސް ހާލެއްގައި ގިސާސްގެ މައްސަލަތަކާ ހައްދުތަކުގެ މައްސަލަތަކުގައި، އަންހެނުން ކުރާ ހުކުމް ހުއްދަ ނުވާނެކަމަށް ހުރިހާ އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ، މިއީ އިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް އޮތް މައްސަލައެއް ނޫން. ދެން ދިވެހި ރާއްޖޭގެ ކޯޓްތަކަށް ބަލާއިރުގައި ސުޕްރީމް ކޯޓަކީ ގާނޫން އަސާސީ ބުނާގޮތުން ޝަރުއީ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ ކޯޓް. އެހެންވެއްޖިއްޔާ ސުޕްރީމް ކޯޓުން ބަލާނެ ގިސާސްގެ މައްސަލަތައްވެސް،އަދި ޖިނާއީ މައްސަލަތައްވެސް،ހައްދުތަކާ ބެހޭ މައްސަލަތައްވެސް، އެހެންވީމާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު، އުއްތަމަ ފަނޑިޔާރު، އަދި އެހެންފަނޑިޔާރަކަށްވިޔަސް އަންހެނަކު އައްޔަންކުރުމަކީ އިލްމުވެރިން ކަނޑައަޅުއްވާފައިވާ މި މިންގަނޑުންބަލާއިރު އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ބަލާއިރު އެއްވެސް ހާލެއްގައި ހުއްދަވެގެންވާނެ ކަމެއްނޫން. މިމައްސަލައާއިބެހޭގޮތުން އަލް އަޒްހަރު ޔުނިވަރސިޓީގެ އިސްލާމިކް ރިސާޗް ސެންޓަރުން 2007 ވަނަ އަހަރު ނެރެފައިވާ ގަރާރުގައިވެސް އައިސްފައިވަނީ މިފަދައިން. ހަމައެހެން މިސްރުގެ ދާރުލް އިފްތާ އާއި ސައުދީ އަރަބިއްޔާގެ ދާރުލް އިފްތާ (ނުވަތަ ފަތުވާ ނެރޭ އެންމެ މަތީ މަޖިލިސް) ގެ ފަތުވާގައިވެސްވަނީ އަންހެނުން ގާޟީކަމަށް އައްޔަންކުރުން ހުއްދަ ނުވާނެކަމަށް."

ސައޫދީ އަރަބިއްޔާގެ ފަތުވާ މަޖިލީހާއި އަލް އަޒްހަރު ޔުނިވަރސިޓީގެ ފަތުވާ މަޖިލީހުން މިފަދައިން ނިންމާފައިވަނިކޮށް އެޔުނިވަރސިޓީގައި ކޮންމެވެސް މިންވަރަކަށް އިލްމު ހޯއްދެވި ދިވެހި މުސްކުޅިދަރިވަރަކު މިފަތުވާތަކަށް ގޮންޖަހައި މިއަދު ދިވެގި ގައުމުގެ ވެރިންނަށް ރައްޔިތުން އިސްކޮށްފައި ތިބި އިސްލާމީ ޝަރީއާއާއި ބީރަށްޓެހި ވެރިންތަކެއް ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެނުންތަކެއް ލާން ނިންމި ނިންމުމަށް ހިއްވަރުދެއްވާ ހައްދަވައި، އެނިންމުތައް ދިވެހި ރައްޔިތުން ބަލައިގަންނަކަން މިދަނީ ފެންނަމުންނެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނު ޚަލީފާއިން އެކަމަކުން ނަމޫނާ ދައްކަވައި އިސްލާމީ އުއްމަތުގެ ސަލަފުއް ސާލިހުންނާއި ސުންނަތް ޖަމާއަތުގެ އެންމެ މަޝްހޫރު އިލްމުވެރިން މީގެ އެތައް ޒަމާނަކުއްސުރެ ފެށިގެން އެތައް އެތައް ބަހުސްތަކެއް ކުރައްވައި އެތައް ކަމެއްގެ މައްޗަށް ބުރަވެވަޑައިގެން ވަކިގޮތަކަށް ނިންމަވާފައިވާ ކަމެއް، މިދާކަށްދުވަހު ބަޔަކު ރަސޫލު ސަލަﷲ އަލައިހި ވަސައްލަމްގެ އެންމެ ހަދީސް ބަސްފުޅެއްގައި ހިފައި ދަމައި އެއީ ދަލީލެއް ނޫންކަމަށް ނިންމައި، ސައްތައިން ސައްތަ އަޅުގަނޑުމެންގެ މި އިސްލާމީ ގައުމަށް މިގެންނަ ބަދަލާއިމެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހިއްޖެއެވެ. މިއަދު މިފެންނަނީ މުހައްމަދު ނަޝީދު މިދިޔަ އަހަރު ޗެނަލް ނިއުސްއޭޝިޔާގެ ޕްރޮގްރާމަކަށް ދެއްވާފައިވާ އިންޓަވިއުގައި ދިވެހި އިސްލާމީ އިލްމުވެރިންނަށް ސަލަފިސްޓުންނޭ، ވައްހާބީންނޭ ވިދާޅުވެފައި އެމްޑީޕީގެ ވެރިކަމެއްގައި އެއިލްމުވެރިންނަށް ކަލޭމެން ކިޔާއެއްޗެއް ކަލޭމެން ކިޔާށޭ އަހަރެމެންކިޔާ އެއްޗެއް އަހެރެމެންކިޔާނަމޭ ވިދާޅުވެ، އަދި އޭގެފަހުން ތިމަންމަނިކުފާނު އިސްވެ ހުންނަވައި ދިވެހި ގައުމަށް އައު ދިވެހި ގައުމިއްޔަތެއް ގެނެސްދޭނަމޭ ވިދާޅުވެ ކުރައްވާފައިވާ ވައުދުފުޅު ފުއްދަވާތަނެވެ. އިއްޔެ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޮތްފަދަ ދެފުށަށްކެނޑޭ ކޮރަޕްޓް ރައްޔިތުންގެ މަޖިލީހެކޭ މިއަދު އެމަޖިލީހުގައި ތިބި މީހުންނެކޭ އޮތީ ކޮންތަފާތެއްތޯއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދު އިސްލާމީ އިލްމުވެރިން އިއްތިފާގުވެ ނިންމަވާފައިވާ ނިންމުމަކާއި ފާޅުގައި ޚިލާފްވަމުންދާއިރު އެކަމަށް ހިތްވަރުދޭ މީހުންބުނަނީ ފާއިތުވި 1400 އަހަރުގެތެރޭގައި އަންހެނަކު ގާޟީކަމަށް އިސްނުކުރުމުގެ ފަހަތުގައިވަނީ އަންހެނުންނަށް އެފަދަ އިލްމުވެރިކަމެއް ލިބުމުގެ ފުރުސަތު ނުލިބުމެވެ. ފަހެ އުއްމުލް މުއުމިނީން އައިޝާ ރަޟިޔަﷲ އަންހާގެ އިލްމުވެރިކަމާއި ހިލްމުވެރިކަމާމެދު ޝައްކުވަނީތޯއެވެ. އިބްނި އައްބާސްފަދަ އިސްލާމީ އުއްމަތުގެ އެންމެ ފުންނާބު އުސް އިލްމުވެރިންގެ އުސްތާޒާއަކީ ފަހެ ކާކުތޯއެވެ.

އަޅުގަނޑުމެންނަށް ފެންނަމުންދަނީ ކޮންމެފަދަ މަޖުބޫރީ ހާލަތެއް ދިމާވެގެންނަމަވެސް އިސްލާމީ ޝިއާރެއްގެ ހުރުމަތް ކަނޑައިލެވި، ރައީސް ސާލިހް މިކުރައްވާ ކަންތަކާމެދު ދިވެހި ރާއްޖޭގައި އިސްލާމީ ފަތުވާދޭ މަޖިލީހުން ހުއްދަ ނުވާނެކަމަށް ބަޔާންކުރުމުންވެސް އެކަމަށް ގޮންޖައްސަވައި ދެ އަންހެން ބޭފުޅަކު ކުރިއަށް ނެރުމުން އިއްޔެ ކަމުވޮށިވެގެންވީ މީހުންވެސް ސާލިހަށް ހިއްވަރުދީ އަތްތިލަބަޑިޖަހާތަނެވެ. އަދާލަތު ޕާޓީ އޮތީ ވެރިކަމުގެ ލައްޒަތާއެކު ލާދީނީ މަގަށް ރިފޯމް ކުރެވިފައޭ ނުބުނެވޭނެތޯ އެވެ.

ސުޕްރީމް ކޯޓަށް ތިގެންނަ ބަދަލުތައް ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އެގެއެވެ. ތިޔައީ ދިވެހި ރާއްޖޭގެ އިސްލާމީ ވެށްޓަށާއި ސިޔާސީ ކުރިމަގަށް އަންނާންހުރި ކަންތައްތަކެއްގެ ފެށުމެކެވެ. އޭގެކުރިން ކޮންމެ ގޮތެއް ހަދާފައިވެސް ސުޕްރީމް ކޯޓްގެ ކޮންޓްރޯލް ހޯދައި ތިމާމެން ކުރާ ކަންތައްތަކަށް އެކޯޓުން ރަބަރުތައްގަނޑު ޖަހަން މަގުފަހިކުރަނީއެވެ. ވެރިކަން ހިންގުމުގެ ބާރާއި ގާނޫން ހަދާ ބާރާއި ޖުޑިޝަރީއަށް އަތްބާނައިގެން ދައުލަތް ހިންގުމުގެ ނިޒާމު ގަޑުބަޑުކުރިކަމުގެ ނަންވާނީ އަބްދުﷲ ޔާމީނެވެ.

Advertisement

ކޮމެންޓް