މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގުޅިފައިވަނީ ދުނިޔޭގެ ބޮޑެތި ނެޓްވޯކުތަކާ: ރައީސް

14 Sep 2019 | 18:29

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިސަރަހައްދާއި އަދި ދުނިޔޭގެ ބޮޑެތި ނެޓްވޯކުތަކާ ގުޅިފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އޯޕަންޑޭ ފެށުމުގެ ރަސްމިއްޔާތު އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް މީހުން އަފްޣާނިސްތާނާއި ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ މީހުންނާ ބައްދަލުކޮށް ރާއްޖެއަށް އެ އެތެރެކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އަދި ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރުމަށް ކަމާބެހޭ އިދާރާތަކުން ތެދުވެރިކަމާ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުން ރާއްޖެ ބޭނުން ކުރަނީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައެވެ. އަދި މުޅި ދުނިޔެ އަށް މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ ބަދަލުކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެކަންތައް ހުއްޓުވަން ފުލުހުންނާއި ކޯސްޓްގާޑާއި ކަސްޓަމްސް އާއި އަދި އިމިގްރޭޝަން ފަދަ ތަންތަނުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާ އެކު ހަގީގީ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ހިންގާ ޕްރޮގްރާމުގައި އަމިއްލައަށް އެދިގެން ފަރުވާ ހޯދަން ބޭނުންވާ ލިސްޓުގައި މިހާރު ވެސް 800 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އެ ވަބާގައި ޖެހި، މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މީހުންނަށް އަވަހަށް ފަރުވާދިނުމަކީ މުހިއްމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް