ރޮނާލްޑޯގެ ގޯލުން ޔުވެންޓަސް ސަލާމަތްވިއިރު މިލާނުގެ ޑާބީ އިންޓަ ކާމިޔާބުކޮށްފި

22 Sep 2019 | 09:08

އިޓަލީ ލީގުގައި ހެލަސް ވެރޯނާ އަތުން 2-1 ކުން މޮޅުވެ ޔުވެންޓަސް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ވެރޯނާއިން ފުރަތަމަ ގޯލް ޖަހާ މެޗުގެ ކުރި ހޯދިއިރު ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދިނީ މި ސީޒަނުގައި އެޓީމައި އަލަށް ގުޅުނު ވޭލްސްގެ ތަރި އާރޮން ރަމްސޭއެވެ. މިއީ އިޓަލީ ލީގުގައި ރަމްސޭ ފެނިގެންދިޔަ ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިއީ 1988 ގެ ފަހުން ވޭލްސްގެ ކުޅުންތެރިޔަކު ޔުވެންޓަސްއަށް ގޯލެއް ކާމިޔާބުކޮށްދިން ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ޔުވެންޓަސްގެ ފަރާތުން އެޓޭކިން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް މެޗް ކާމިޔާބުކޮށްދިން ގޯލް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އިޓަލީ ލީގުގައި ކުޅެވުނު އިންޓަ މިލާން އަދި އޭސީ މިލާން ވާދަކުރި މިލާން ޑާބީ 2-0 ކުން ކާމިޔާބުކުރީ އިންޓަ މިލާންއެވެ.

ފުރަތަމަ ހާފް 0-0 ނިމިގެންދިޔައިރު ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ކޮށްފައިވަނީ އިންޓައެވެ.

އިންޓަގެ ގޯލުތައް ދެވަނަ ހާފުގައި ޖަހައިދިނީ ބްރޯޒޮވިޗް އަދި ލުކާކޫއެވެ. މިލާން ޑާބީގައި ކުޅުނު ފުރަތަމަ މެޗުގައި ޖެހި ގޯލާއެކު ލުކާކޫ ވަނީ ގިނަ ބައެއްެގެ ސަމާލުކަން ހޯދާ އިންޓަގެ ސަޕޯޓަރުންގެ ލޯބި ހޯދާފައެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޓަ މިލާން ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އިންޓައަށް 12 ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް ދެވަނައިގަ އޮތީ 10 ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް