އާސިފްގެ މައްސަލައިގައި ކްރިކެޓް ބޯޑުން އިހުމާލުވިކަމުގެ ތުހުމަތު!

05 Oct 2019 | 22:14

ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ކޯޗު އާސިފް ޚާންގެ ފަރާތުން ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވި މައްސަލައިގައި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިހުމާލުވިކަމުގެ ތުހުމަތު ކޮށްފިއެވެ.

މި ތުހުމަތުކޮށްފައިވަނީ ގައުމީ އަންހެން އަދި ފިރިހެން ގައުމީ ކްރިކެޓް ޓީމުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ޓީމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކިފަހަރު މަތިން ކޯޗު އާސިފް ޚާން ޒުވާން ކުޅުންތެރިންނަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު އިތުބާރުހުރި މަސްދަރުތަކުން ލިބިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ އެވަގުތު 18އަހަރުން ދަށުގެ ކުޅުންތެރިންކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެ ބަޔާނުގައި ބުނީ އާސިފްގެ މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނެސް އޭނާ ފުރުވާލުމަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް އެހީތެރިވެދީފައިވާތީ، ކްރިކެޓް ބޯޑުގެ އަމަލުތައް ހަރުކަށި އިބާރާތްތަކުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ބޯޑުން އަަމަލުކުރި ގޮތުން މި މައްސަލައިގައި އާސިފްގެ ޝިކާރައަކަށްވި ފަރާތްތަކާއި އާއިލާތަކަށް އުނދަގޫތަކާާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

ބަޔާން ނިންމާލަމުން ކުޅުންތެރިން ބުނީ ކުޅުންތެރިންގެ ހައިސިއްޔަތުން ކްރިކެޓްގެ އުސޫލުތައް އަލުން ނަގަހައްޓައި ހުރިހާ ކުޅުންތެރިންނަށް އަމާން މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދޭނެކަމަށެވެ. އަދި ސީބީއެމްގެ އޮފިޝަލުން މި މައްސަލައިގައި އާސިފްގެ ޝިކާރައަކަށްވީ ކުދިންނަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް