އިނގުރައިދީ ޓީމްގައި ހުނަރު އެބަހުރި، މިސްޓޭކްތައް ރަނގަޅުކުރާނެ: އަރީ

15 Oct 2019 | 11:26

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރޭ ރ.އިނގުރައިދޫގެ ޓީމާއި އއ.ބޮޑުފުޅަދޫ ޓީމް ބައްދަލުކުރި ފޯރިގަދަ މެޗުން އިނގުރައިދޫ ހަނިގޮތަކަށް ޕެނަލްޓީ ޝޫޓްއައޓުން މިވަނީ މޮޅުވެފައެވެ.

ރޭގެ މެޗަކީ އިނގުރައިދޫއިން މީގެ ކުރިން މި މުބާރާތުގައި ދެއްކި ކުޅުމާއި ބަލާފައި ރޭވުންތެރިކަން ކުޑަ މެޗެއްކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ޑިފެންސް ލައިންގައި ހެދުނު މިސްޓޭކްތަކެއް ވެސް ފެނިގެންދިޔައެވެ.

ރޭގެ މެޗު ނިންމާލުމަށްފަހު ޓީމްގެ މެނޭޖަރ އަރީފް ހާލިދް އެކި ފަރަތްތަކާއި ވާހަކަ ދައްކަމުން ބުނެފައިވާގޮތުގައި، އިނގުރައިދޫ ޓީމަކީ ވަރަށް ޒުވާން އަދި ހުނަރުން ފުރިގެންވާ ޓީމެކެވެ. އަދި ކުޅުން ތެރިންނަކީ ވާދަވެރި މެޗުތަކުގެ ސްކޯ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިންކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރޭގައި ހެދުނު މިސްޓޭކްތައް ކުޅުންތެރިން މާދަމާގެ މެޗައް ނިކުންނަ އިރު ރަނގަޅު ކުރާނެކެމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ޓީމް ގެ މެނޭޖަރ ހާމަކުރިގޮތުގައި މިހާތަނަށް ޓީމް އާދެވިފައި މިވަނީ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް ހުރި މެޗުތައް އިރާދަކުރެއްވިއްޔާ ސަޕޯޓަރުންގެ އެހީއާއެކު ކާމިޔާބު ކުރާނެކަމަށެވެ.

މާދަމާ ރޭ މި މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގުރައިދޫ ބައްދަލު ކުރާނީ އެދަފުށި ޓީމާއެވެ. މި މެޗު އޮންނާނީ ހުޅުމާލެ ފުޓްސަލް ދަނޑުގައި 20:15 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 25،000 ރުފިޔާ އެވެ.

Advertisement

ކޮމެންޓް