ޓޮޓެންހަމްއަށް އުފާވެރިކަން ގެނެސްދޭނަން: މޮރީނިއޯ

21 Nov 2019 | 12:02

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރުމަށްފަހު އެ މަގާމު ހަވާލުކުރި މޮރީނިއޯ، އެ ކްލަބަށް އުފާވެރިކަމައި ކުޅުމުގެ ރޫހު ގެނެސްދޭނެކަމަށް ބުނެފިއެވެ.

ޓޮޓެންހަމްގެ ކޯޗުގެ މަގާމައި ހަވާލުވިފަހުން ދިން ފުރަތަމަ އިންޓަވިއުގައި ވާހަކަދައްކަމުން މޮރީނިއޯ ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށައި ގޮން ޖެހުންތަކައި ކުރިމަތިލާން ތައްޔާރަށް ހުރިކަމުގައެވެ. އޭނާގެ އައު ކްލަބުގެ ފަރާތުން ކުޅުމުގެ ރޫހު ފެންނާނެކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗްކަމުން ވަކިކުރި މޮރީނިއޯ އިތުރަށް ބުނިގޮތުގައި އޭނާގެ ކެރިއަރުގައި ޓޮޓެންހަމްއައި އިދިކޮޅަށް ނުކުތް ކޮންމެ ފަހަރަކުވެސް ދެފަރާތުގެ މެދުގައި އިހުތިރާމް ނޫން އެއްޗެއް އުފެދިފައިނުވާ ކަމަށެވެ.

ޗެލްސީ އަދި ޔުނައިޓެޑުގައިވެސް ކާމިޔާބީތައް ހޯދާފައިވާ މޮރީނިއޯ ވަނީ ޓޮޓެންހަމްގަ މިވަގުތު އޮތް ސޮކްޑާ ދޭތެރޭ ހިތްހަމަޖެހޭކަމަށްވެސް ބުނެފައެވެ.

2023 ގެ ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްއައި މޮރީނިއޯ ގުޅުނީ އިތުރު އިނާޔަތްތައް ނުލާ އަހަރަކު 8 މިލިއަން ޕައުންޑަށް ކަމަށް އިނގިރޭސި މިޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ފަސްމެޗުން މޮޅެއް ހޯދިފައިނުވާ ޓޮޓެންހަމް އޮތީ ތާވަލުގެ އެއްވަނައިގަ އޮތް ލިވަޕޫލްއަށްވުރެ 20 ޕޮއިންޓް ފަހަތުގައެވެ. 

Advertisement

ކޮމެންޓް

Advertisement