ނޫމަޑި މައްސަލައިގައި ޑރ.މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ

09 Dec 2019 | 18:52

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އޭޖީ އޮފީހުން ފުލުސް އޮފީހުގައި އެދިއްޖެއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައި ވީނަމަވެސް ވަޒީރުކަމުގައި އެ މައްސަލައިގައި އޭނާ ދައުލަތް ދިފާއު ކުރައްވާފައިވާ ކަމަށެވެ.

ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ، ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން ނޫމަޑި ފޭސް އެކެއްގެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ، ނޫމަޑި މައްސަލާގައި މުއިއްޒު އަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަމަހަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އޭގެއިތުރުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫންކަން ތަހުގީގުކޮށް ދެއްވުމަށް ފުލުސް އޮފީހުގައި އޭޖީންއެދިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.

ކޮމެންޓް