މިހާރު ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ތިން ދިވެހިން!

06 Jan 2020 | 12:47

އިއްޔެގެ ވަގުތުތަކުގައި ސްރީލަންކާގެ ކޮހުވަލައިން ލަންކާާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އެންމެ ތިން ދިވެހިންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ދާދިދެންމެއަކު ފޮރިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ރޭގެ ވަގުތުތަކާއި ލަންކާގެ ގަޑިން މިއަދު މެންދުުރު 13:00 އާއި ހަމައަށް ވަނީ ނުވަ ދިވެއްސަކު ދޫކޮށްލާާފައެވެ. އެފަރާތްތަކަށް އެހީވުމަށް އިއްޔެ އިރުއޮއްސި ހައެއް ޖެހިއިރުން ފެށިގެން ކޮހުވަލަ ޕޮލިސް ސްޓޭޝަންގައި އެމްބަސީގެ ކޮންސިއުލަރ މުވައްޒަފުން ހަރަކާާތްތެރިވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވަނީ ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

މިއުވާން އިތުރަށް ވިދާޅުވި ގޮތުގައި ހުއްދަ ވިސާއެއް ނެތި އެގައުމުގައި ދިރިއުޅެމުންދިޔަ ދެފަރާތެއްވެސް އިއްޔެ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ފަރާތްތައް މިއަދު ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮހުވަލަ ސަރަހައްދުގައި ހުންނަ މަރިޔާދު ކޮފީ ވިލާ ނަމަކަށްކިޔާ ދިވެހި ކެފޭއަކަށް ވަދެ އަތުގައި ޕާސްޕޯޓް ނެތް ބައެއް ފަރާތްތައް ގެންދިޔަކަމަށް މީސް މީޑިޔާގައި ވަނީ މައުލޫމާތު ފެތުރިފައެވެ. ކޮހުވަލަ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި ލަންކާގެ ފުލުހުންގެ މިފަދަ ހަރަކާތްތަކެއް ހިންގަމުންދާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ

ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީން ވަނީ ބޭރަށް ނުކުންނަ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމަށް އެގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް އިރުޝާދުދީފައެވެ. އަދި ލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ހަވާލުކޮށްފައިވާނަމަ، އެކަމުގެ ރަސީދެއް އަތުގައި ބޭއްވުމަށްވެސް ވަނީ އެދިފައެވެ.

ލަންކާގައި މީގެކުރިންވެސް ވިސާގެ މައްސަލަަތަކާއި ގަވާއިދާއި ޚިލާފަށް ސިނގިރޭޓު ބޭނުންކުރާ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ދިވެހިން ގެންދެވިފައިވެއެވެ.

Advertisement

ކޮމެންޓް