އެއިމްސްގެ ފަރާތުން ދިވެހި ޑޮކްޓަރުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

21 Jan 2020 | 16:42

އިންޑިއާގެ އާދިއްލީގައި ހުންނަ 'އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް' (އެއިމްސް) ގެ ފަރާތުން ދިވެހި ޑޮކްޓަރުންނަށް ތަމްރީން ޕްރޮގްރާާމެއް ހިންގައިފިއެވެ.

'ކޮންޓިނުއަލް މެޑިކަލް އެޑިއުކޭޝަން' ގެ ދަށުން 'އިމޭޖް ގައިޑެޑް ތެރަޕީ' ގެ ނަމުގައި މި ވޯކްޝޮޕް ހިންގާފައިވަނީ އިއްޔެއެވެ.

މި ވޯކްޝޮޕް ކުރިއަށްގެންގޮސްދެއްވީ އެއިމްސް ހޮސްޕިޓަލްގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ވަފުދަކުންނެވެ. މި ވަފުދާއި ހަވާލުވެވަޑައިގެން އިސްކޮށް ހުންނެވީ އެ ހޮސްޕިޓަލްގެ ދިރެކްޓަރ ޑރ. ރަންދީޕް ގުލޭރިއާއެވެ.

އެއިމްސްގެ ޑޮކްޓަރުންގެ ވަފުދުގެ މިދަތުރަކީ 2019 ވަނަ އަހަރުގެ ޖޫން މަހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންޕްރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދު ސޮއި ކުރެވުނު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑް އޮފް ހެލްތު" ގެދަށުން ކުރެވުނު ދަތުރެކެވެ. މި އެމްއޯޔޫގެ ދަށުން ބޭއްވުނު ފުރަތަމަ ވޯރކިން ގްރޫޕުގެ ބައްދަލުވުން ބޭއްވުނީ 5 ޖެނުއަރީ 2020 ވަނަ ދުވަހުގައެވެ.

އެއިމްސްގެ ޑޮކްޓަރުންގެ މި ދަތުރުގެ ތެރޭގައި ދެގައުމުގެ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ބަދަހި ކުރެވޭނެ އެތައް ގޮތްތަކެއްވަނީ ފާހަގަކުރެވިފައެވެ. އޭގެތެރޭގައި ސިއްހީދާއިރާގެ އިތުރު ވޯކްޝޮޕްތައް ހިންގުމާއި، ޓެލެމެޑިސިން ފެސިލިޓީގެ ބޭނުންހިފުމާއި، ޓެކްނިޝަނުން ތަމްރީންކުރުމުގެ އިތުރުން އެއިމްސް އާއި ދިވެހި ސިއްހީ ދާއިރާގެ ބޭފުޅުން ގުޅިގެން ރިސާޗް ޕރޮޖެކްޓް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

ދިވެހި ސަރުކާރާއި ގުޅިގެން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ބައިވެރިއެއް ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެކަމަށް އިންޑިޔާގެ އެމްބަސީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް