ގާސިމު ރައީސް ނަޝީދަށް: ކޯލިޝަން ހަދަން ސަލާންޖެހި ހަނދާން ނެތުނީތޯ

22 Jan 2020 | 11:02

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަލާން ޖެއްސެވި ހަނދާން ނެތުނީތޯ ގާސިމް ސުވާލު އުފައްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ހަވާލުކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމު ވަނީ، ސަރުކާރު ކޯލިޝަން ހަދަން ރައީސް ނަޝީދު ސަލާން ޖެއްސެވި ހަނދާން މިހާރު ނެތުނީތޯ ސުވާލު އުފައްދަވައިފައެވެ.

މިވެރިކަމުގައި އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުދެވިގެން އުޅެނީ ސަރުކާރު ކޯލިޝަނަށް ބައިއަޅަން ޖެހޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ގާސިމު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ކޯލިޝަނަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ސަރުކާރުން ކަމެއް ކޮށް ނުދެވެނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެ ކޯލިޝަން ހޯދަން ސަލާން ޖެއްސެވި ދުވަސް ހަނދާން ނެތުނީތޯ ގާސިމް ސުވާލު ކުރެއްވިއެވެ.

"ބަލަ އެމަނިކުފާނަށް މިއަދުތޯ އެނގިވަޑައިގަތީ ކޯލިޝަނާ ހެދިކަން. އިހަށް ދުވަހު އެ ކޯލިޝަން ހަދަން ވެގެން ކުރި އާދޭހައި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރު ލިބިވަޑައިގެންނެވި ގޮތް މަނިކުފާނު ހަނދުމަފުޅު ނެތުނީތޯ؟" ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ރައްޔިތުން ނިކަމެތިވާ ގޮތަށް ރައީސް ނަޝީދު ވާހަކަދައްކަވާއިރު އިންސާފާއި ގާނޫނުގެ ހުދޫދެއް ވެސް ނެތް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަކީ ރައްޔިތުންގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ހައްގުތައް އެމްޑީޕީގެ ދެތިން މެންބަރުންނަށް ބަހާލުމަށް ދެއްވި މަގާމެއް ކަމަށް ރައީސް ނަޝީދު ހީފުޅު ކުރައްވަނީތޯ ސުވާލު ކުރައްވައި، ގާސިމް ވަނީ ރައީސް ނަޝީދު މޮޔަފުޅުވީ ކޮން އިރަކުތޯވެސް ސުވާލު ކުރައްވާފައެވެ.

Advertisement

ކޮމެންޓް