ކުޑަކުދިންނަށް ޖިންސީ ގޯނާއަށް ހިތްވަރުދޭ ކެނޑިޑޭޓުން ޕްރައިމަރީގައި ވާދައެއް ނުކުރެވޭނެ: އެމްޑީޕީ

23 Jan 2020 | 16:51

ކުޑަކުދިންނަށް ޖިންސީ ގޯނާކުުރުމަށް ހިތްވަރުދޭ ކެނޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުުރުމުގެ ފުރުސަތު ނުދޭނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ މިމަހުގެ 31ގައި އޮތް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ގއ.ކަނޑުހުޅުދޫން ވާދަކުރާާ އެއް ފަރާތްކަމުގައިވާ މަދީހާ އަބްދުﷲ ވަނީ އެރަށުގައި ދެއަހަރު ނުވާ ކުޑަކުއްޖާއަށް ގޯނާކުރިކަމަށް ތުހުމަތުކުރެވިފައިވާ ތިންބަަފައިންގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަދައްކާފައި ވަނިކޮށެވެ.

އެގޮތުން ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ސަންއަށް މައުލޫމާތުދެމުން މަދީހާ ވަނީ ކުއްޖާ ރޭޕްނުކުރާފަދަ މޭރުމަކުން ވާހަކަދައްކައި، އެއީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާގެ ރޭވުމެއްކަމަށް ބުނެފައެވެ.

"ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،" މަދީހާ ބުންޏެވެ. މީގެ އިތުރުން އޭނާ ވަނީ ކުއްޖާގެ މައުލޫމާތު މީޑިޔާއަށް ދިން މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ކުރަންޖެހޭނެކަމަށް ބުނެފައެވެ.

މިއާއި އެކު ގިނަ ފަރާތްތަކުން ވަނީ މަދީހާގެ ކެނޑިޑެސީ ބާތިލްކޮށް، އޭނާއަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއްވަނީ ބާއްވާފައެވެ. އެ ބައްދަލުުވުމުގެ މައުލޫމާތު "ސަން" ނޫހަށް ދެއްވަމުން ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުން ހޯދައި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement