އަބްދުއްރަހީމް ރައީސް ނަޝީދަށް: ކެރިވަޑައިގަންނަވަންޏާ ޕީޕީއެމް އާއި ވާދަކުރައްވަން ވަޑައިގަންނަވާ

24 Jan 2020 | 18:55

ލޯކަލް ކައުންސިލު އިންތިހާބުގައި އިދިކޮޅު ފަރާތްތައް ބޮޑުތަނުން ބަލިކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މާލެ އަތޮޅު ގުރައިދޫ ޖަގަހަ ހުޅުވުމަށް އިއްޔެރޭ ގުރައިދޫގައި ބޭއްވި ޖަލްސާގައި، ކައުންސިލު އިންތިހާބުގައި ވާދަވެރިން ބޮޑުތަނުން ބަލިކުރައްވާނެ ކަމަށާއި އެމަނިކުފާނާއި ރައީސް ސޯލިހާއި ވާދަކުރެއްވޭނެ ސިޔާސީ ލީޑަރަކުވެސް ނުހުންނާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވައި، އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ނަޝީދަށް ޕީޕީއެމްއާއި ވާދަކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

''އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު ވަޑައިގަންނަވާށޭ ޕީޕީއެމް ބަލިކުރަން. އަޅުގަނޑުމެން ރައީސް ނަޝީދު ބޮޑުތަނުން ބަލިކުރާނަމޭ. އިލެކްޝަނަށް މިކަން ކުރެވޭނެ ރަގަޅު އިންސާފުވެރި ބަޔަކު އައްޔަންކުރައްވާފައި ދެން ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ ވާދަކުރައްވަން. އިންސާފުވެރި އިލެކްޝަނެއް އޮވެގެން ނަޝީދާ ވާދަކުރި ފަހަރު އޮންނާނީ ބޮޑުތަނުން ބަލިކޮށްފައި،'' 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިރާއްޖޭގައި ރައީސް ޔާމީން ބަލިކުރެވޭނެ ސިޔާސީ ލީޑަރަކު ނުހުންނާނެއެވެ. އެކަން ފާއިތުވެދިޔަ އިންތިހާބުތަކުގައި ދައްކާފައި އޮންނާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމަނިކުފާނު މިނިވަންކަމާ އެކު ހުންނަވައިފިނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލު އިންތިހާބުވެސް ސަރުކާރާއި އެމްޑީޕީ ބޮޑުތަނުން ބަލިވާނެކަން ކަށަވަރުކުރެވޭތީ ކަމަށެވެ.

''ރައީސް ނަޝީދުގެ އެހާ ހިއްވަރެއް ހުރިއްޔާ، އެހާ ސާބިތުކަމެއް ހުރިއްޔާ، އެހާ ގަޓު ހުރިއްޔާ ރައީސް ޔާމީން ގެނެސް ގެޔަށްލާ، ނޫނީ މިނިވަންކޮށްފައި ދޫކޮށްލާފައި ދެން ނުކުމޭ އަޅުގަނޑުމެންނާ ވާދަކުރަން. ކެރިގެން މިދަންނަވަނީ ރައީސް ނަޝީދާއި އެމްޑީޕީ ބޮޑުތަނުން ބަލިކުރާނަމޭ،'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ހުރިހާ އެންމެން ޖަލަށްލުމަށްފަހު ނަޝީދު އެކަނި އިންތިހާބެއް ގައި ނުކުންނަވައި، ލަދު ހަޔާތުގެ ކަންފުުޅެއްވެސް ނެތި ތަންތަނުގައި ވާހަކަދެއްކެވިޔަސް ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެމްޑީޕީންބަޔަކާއެކު ކޮންޓްރެކްޓް ހަދާފައިވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލު އިންތިހާބަށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އިންތިހާބުތައް ނިމުމުން އެބޭފުޅުންނަށް ދޭންހުރި މަގާމުތަކެއް މިހާރު ހުސްކޮށްފައި ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement