މިއީ ރައީސް ސާލިހް ލަދުގަންނަވައިލުމެކެވެ.

07 Feb 2020 | 17:02

ދިވެހި ރާއްޖޭގެ އެންމެ އިއްޒަތްތެރި މަޖިލިސްކަމުގައި ބުނެވޭ ރައްޔިތުންގެ މަޖިލިސް މިއަދު ހުޅުވިގެންދިޔައިރު ފެނުނު މަންޒަރާމެދު ވިސްނަލައިލަމާތޯއެވެ. އަޅުގަނޑަށް ވަރަށް އެހެންކަހަލަ ކަމެއް ފާހަގަކުރެވުނެވެ. ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ޖައްސުވާފައިވާ ނިކަމެތި ހާލެކެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް އެންމެ ބޮޑަށް ހަޅުތާލުކޮށް، މުޅި މަޖްލިސް ޚަރާބުވާވަރުވެ، ގައުމުގެ ރައީސަށް ފުރައްސާރަކުރުމުގައި ލާމަސީލު ނަމޫނާ ދައްކާފައިވާ ޕާޓީއަކަށް ޔަގީނުންވެސް މިއަދު ވެރިކަމުގައި އޮތް އެމްޑީޕީ ވެގެންދާނެއެވެ. ރައީސް ޑޮކްޓަރ މުހައްމަދު ވަހީދަށް ޖެއްސުވި ހާލެވެ. އެމަނިކުފާނު ވަށައިގެން އުނދުހޭ ކާޅުތަކެއްފަދައިން މެމްބަރުން ހަޑިހުތުރުއެއްޗެހި ގޮވަމުން އުޅުނުތަން މީހުންނަށް ފެންނާނެއެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި އަބްދުﷲ ޔާމީންގެ ވެސް ހަން މަޖިލިސްގެތެރޭގައި އެމްޑީޕީގެ މެމްބަރުން ރޮލާ ދަމައިލިއެވެ. ޑިމޮކްރަސީގެ ނަމޫނާއެއް ދައްކަމުންނެވެ.

މިއަދު ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ލޮބުވެތި އިހްތިރާމް ލިބިގެންވީ ބޭފުޅެކެވެ. މަޖިލިސްގެ ރައީސްގެ ގޮނޑިކޮޅު ފުރުއްވަމުންގންދަވަނީ އެޕާޓީގެ ލިޑަރ އެވެ. މުޅި މަޖިލިސްގެ ކޮންޓްރޯލް އޮތީ އެމްޑީޕީގެއެވެ. އިދިކޮޅު ހައެއްކަ މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލިސްތެރޭގައި ރައީސް ވަހީދާއި ރައީސް އަބްދުﷲ ޔާމީނަށް ޖެހިވަޑައިގަތް ހާލު ތިންވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް މަޖިލިސްތެރޭގައި މިހާރު އެވަނީ ޗައިނާގައި އެހުންނަ ފަދަ ބޮޑުފާރެއް ޜާނާފައެވެ. އެފާރުމަތިން އެރޭނެކުޅުދާނަކަން ހުރި އިދިކޮޅު މެމްބަރަކު ނެތެވެ. އަނެއްކާ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދުއަކީ ފެންނަ ފެނުމުގައި މީގެކުރިން ރައީސްކަންކުރި ބޭފުޅުންނަށްވުރެ ހަރުކަށި ޖެހިލުންކުޑަ ރައީސެކެވެ. ސެކުއިރިޓީން ލައްވައި މެމްބަރުން ލަފުގައި ހިފައި މާލަމުން ބޭރުކުރުމާއި ޖަލްސާކުރާ މާލަން ސެކިއުރިޓީން ލައްވައި ތަޅުލައްވައިގެން ޖަލްސާތައް ބާއްވާފައިވާކަމުން އެކަން ދޭހަވެއެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހުގެ އިދާރާއިން އިންތިޒާމު ކުރައްވާފައިވާ ގޮތުން އެއީ ރޭވުމަކުން ކުރިކަމެއްކަން ދޭހަވެއެވެ. މަޖިލިސްގެ ރިޔާސަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަކުރެވިފައިވާ ގޮނޑިކޮޅުގެ ބަދަލުގައި މާލަމުގެތެރޭގައި، މެމްބަރުންގެ ތެރެއަށް ގެންނަވާފައި ހުރުމުން މުޅި ޖަލްސާ ނިމިގެންދިޔައިރުވެސް ރައީސް ސާލިހްގެ މޫނުފުޅެއް ރައްޔިތުންނަކަށް ނުފެނުނެވެ. ރައީސް ސާލިހްގެ މޫނުފުޅަށް އުފުލާލެވިފައިވަނީ ޖަލުގައި ހައްޔަރުކުރެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅެކެވެ. އިދިކޮޅު ހައެއްކަ މެމްބަރުން ރައީސް ޔާމީންގެ ފޮޓޯފުޅެއް ހިފައިގެން ރައީސްގެ މޫނުފުޅަށްވާގޮތަށް އުފުލާލާފައި ހުރުމުން ކެމެރާއިންފެންނަނީ ޔާމީންގެ ފޮޓޯ ފުޅެވެ. ރައީސް ސާލިހް ފެންނަފަދަ އެއްވެސް ފުރުސަތެއް ނެތެވެ. އިދިކޮޅު މެމްބަރުންގެ ކުށެއް ނެތެވެ. ބޯޑްތައް ހިފައިގެން ހިމޭނުންތިބުން ފިޔަވައި މީގެކުރިން ހިގާފައިވާފަދަ ވިޔާނުދާ ކަންތައްތަކެއް ހިންގާފައެއްވެސް ނުވެއެވެ. މިކަން މިހެން ހިގާނެކަން ރައްޔިތުންގެ މަޖިލީހުގެ ވެރިންނަށް އެގިވަޑައިގަންނަވާނެއެވެ. އެހެންވީމާ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ބަޔާންދެއްވުމަށް މިއަށްވުރެ މުނާސަބު ރިވެތި މަގާމެއްގައި ބެހެއްޓެވުނީހެވެ. ތިމާމެން ކޮށްފިއްޔާ ކޮންމެކަމަކީވެސް އެފަދަ ދެވަނައެއްނުވާފަދަ ކަމަކަށް ބައެއް ފަހަރު ވެދެއެވެ. މިކުރެވުނީ މޮޅުކަމެއްކަމަށް ދެކޭބަޔަކު ތިބެދާނެއެވެ.

މިމަންޒަރުފެނިފައި އަޅުގަނޑަށް ގަބޫލުކުރެވުނީ މިއީ ރަނގަޅަށް އެގިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަގުވަށްޓާލަން ރޭވިގެން ހިންގާފައިވާ ކަމެއްކަމަށެވެ. މިއީ އޮޅުމަނުން ހިނގާފައިވާ ކަމެއްނަމަ އަޅުގަނޑު ކުރިން މިބުނި ބަސް އަނބުރައި ގެނެސް މައާފް އެދެމެވެ. އެކަމަކު އަމިއްލަ ޕާޓީގެ ބާރުއޮވެ ރައީސުލް ޖުމްހޫރިއްޔާ މިފަދައިން ދެރަކޮށް ނިކަމެތިކޮށްލެވެންވީ ކީއްވެގެންތޯއެވެ.  

Advertisement

ކޮމެންޓް