ކޮރޯނާވައިރަސްގެ ބިރާހުރެ ޔުނައިޓެޑް ތިބެން ހަމަޖެއްސި ހޮޓެލް ބަދަލުކޮށްފި

13 Feb 2020 | 09:15

ދުނީޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްގެ ބިރާހުރެ މެންޗެސްޓާ ޔުނައިޓެޑް ސްޕެއިންގައި ތިބެން ހަމަޖެއްސި ހޮޓެލް ބަދަލުކޮށްފިއެވެ.

ޔުނައިޓެޑުން މިގޮތަށް އަމަލުކޮށްފައިވަނީ ރަފައެލް ބެނީޓޭޒް މިހާރު އިރުޝާދު ދެމުން އަންނަ ޗައިނާގެ ކްލަބް ޑާލިއާން ޔީފަންގް މީގެ ދުވަސްކޮޅެއް ކުރިން އެ ހޮޓެލުގައި ތިބުމައި ގުޅިގެންނެވެ.

ގްލޮފް ރިސޯޓެއްގައި ތިބެން ހަމަޖެހިފައިވާ ޔުނައިޓެޑުގެ ކޯޗިން ސްޓާފް އަދި ކުޅުންތެރިން މިހާރު ތިބުމަށް ހަމަޖެހިފައިވަނީ ބީޗް ފްރޮންޓް ރިސޯޓެއްގައެވެ.

މިއީ ކޮރޯނާވައިރަސްގެ ބިރާހުރެ ޔުނައިޓެޑުން ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެއްނޫނެވެ. އެ ކްލަބައި އަލަށް ގުޅުނު އޮޑިއޮން އިގާލޯ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ވަކިން ފަރިތަކުރަމުން ގެންދަނީ އޭނާ ޗައިނާގެ ކްލަބަކުން ޔުނައިޓެޑަށް ބަދަލުވުމައިގުޅިގެންނެވެ.

ވިންޓަރ ޓްރެއިނިންގ ކޭމްޕްގައި ޔުނައިޓެޑުގެ ފަރިތަކުރުންތައް ސްޕެއިންގައި ކުރިއަށްދާއިރު އިގާލޯ ފަރިތަކުރަމުން ދަނީ ޔުނައިޓެޑުން ހަމަޖައްސަދީފައިވާ ވަކި ތަނެއްގައެވެ.

ވިލާތުގެ ގައުމުތަކުގެ އިމިގްރޭޝަނުންދަނީ ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއިން ވިލާތަށް އެތެރެވި މީހުންގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންނެވެ.

މިކަންތައްތަކައި ގުޅޭގޮތުން ޔުނައިޓެޑުން ބުނެފައިވަނީ މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކޮށްފައިވާ ކަންކަން ކަމަށެވެ.

Advertisement

ކޮމެންޓް