ޓޮޓެންހަމް ޗެންޕިއަންސް ލީގުން ކަޓައިފި

11 Mar 2020 | 04:18

ޗެންޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖުގައި ޓޮޓެންހަމް އަދި ލެއިޕްޒިގް ބައްދަލުކުރި މެޗް 3-0 ކުން ކާމިޔާބުކޮށް ލެއިޕްޒިގް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.

ފޯވަޑަކައި ނުލާ ސީޒަނުގެ ބާކީ އޮތްބައިގަ ކުރިއަށް ދާންޖެހިފައިވާ މޮރީނިއޯގެ ޓޮޓެންހަމް ކޮޅަށް ލެއިޕްޒިގް ވަނީ މެޗުގެ 10 އަދި 21 ވަނަ މިނެޓުގައި ގޯލު ޖަހައި ހަމަޖެހިލާފައެވެ. މި ދެގޯލުގައިވެސް ޓޮޓެންހަމްގެ ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސްގެ މިސްޓޭކް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. މި ދެގޯލުވެސް ޖެހީ ލެއިޕްޒިގްގެ ކެޕްޓަން ސެޕިޓްޒާއެވެ.

މުޅި މެޗުގައިވެސް އެދެވޭ ކުޅުމެއް އަދި ހަމަލާއެއްވެސް ނުއުފެއްދުނު ޓޮޓެންހަމްކޮޅަށް ތިންވަނަ ގޯލު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ފޯސްބާގްއެވެ.

މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް ޓޮޓެންހަމްގެ ދަނޑުގައި 1-0 ކުން ކާމިޔާބު ކޮށްފައިވަނީވެސް ލެއިޕްޒިގްއެވެ. މިއާއެކު ލެއިޕްޒިގް ކުއާޓާ އަށް ގޮސްފައިވަނީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ކުރިއަށް އޮތް މެޗުގައި ޓޮޓެންހަމް ނުކުންނާނީ ލީގުގައި މެންޗެސްޓާ ޔުނައިޓެޑައި ދެކޮޅަށެވެ. މި ދެޓީމަކީވެސް އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުން ދާ ދެޓީމެވެ.

ރޭ ކުޅެވުނު ޗެންޕިއަންސް ލީގުގެ ދެވަނަ މެޗުގައި އެޓްލާންޓާ ވަނީ 4-3 ކުން ވެލެންސިއާ އަތުން މޮޅުވެ ޖުމްލަ 8-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ ފައިނަލަށް ގޮސްފައެވެ. 

Advertisement

ކޮމެންޓް