ކޮރޯނާގެތެރޭގައި ދިވެހިގައުމު މިދަނީ ހަމަ ރަނގަޅުމަގުންތޯއެވެ؟
އަޅުގަނޑުމެން ދިވެހި ރާއްޖެއަށާއި މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ބަލިމަޑުކަމާގުޅިގެން ކަންބޮޑުވުމާއި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި ދުނިޔޭގެ ގައުމުތައް އެގައުމުތަކުގެ ރައްޔިތުން ބަންދުކޮށް އެއްތަނުން އަނެއްތަނަށް ދަތުރުނުކުރެވޭގޮތް ހަދަމުން ދާތީ ފެނެއެވެ. ބިރުވެރިކަމާއި ނުތަނަވަސްކަން ހިތްމައްޗަށް ނުގެނެވެންވީ ކީއްވެގެންތޯއެވެ. މިބިންމަތީގައިވާ އެންމެ މަތިވެރި މިސްކިތްތައްކަމުގައިވާ މަސްޖިދުލް ހަރާމާއި މަސްޖިދުއް ނަބަވީއަށް އެދެރަށުގައި މިވަގުތު ތިބި މުސްލިމުން ނޫންބަޔަކަށް ނުވަދެވެއެވެ. ބޭރު ގައުމެއްގެ ބޮޑު މިސްކިތެއްގައި މިދިޔަ ހުކުރު ދުވަހު ހުކުރުނަމާދަށް ބަންގޮ ގޮވި އިމާމް ބަންގީގެގެތެރޭގައި ރޮވުނީއެވެ. އޭނާ ބަންގި ގޮވައެވެ. އެކަމަކު އެއްވެސް މީހަކު އެބޮޑު މިސްކިތުގައި ނެތެވެ. ބަނީ އިސްރާއީލުން ނުވަތަ ޔަހޫދީންނާއި ނަސާރާއިންގެ ފައްޅިތަކަށް މީސްތަކުން ނައުމަށް ފައްޅިތަކުން ގޮވާލެވެނީއެވެ.
މިދަނޑިވަޅުގައި އަޅުގަނޑުމެންގެ ދިވެހި ރާއްޖެއިންވެސް ކޮރޯނާ ވައިރަސްއާ ދެކޮޅަށް ވަރަށް ވަރުގަދައަށް ހަގުރާމަކުރަމުން އެބަދެއެވެ. ދިވެހި ރާއްޖެއިން ފިޔަވަޅު އަޅަނީ ޑަބްލިޔު އެޗްއޯއިން ދޭ ލަފަޔާ އެއްގޮތަށެވެ. ޑަބްލިޔު އެޗްއޯގެ މާހިރުންނަށްވެސް އެންމެ ފުރިހަމަ ލަފަޔަކީ ކޮބައިކަމެއް ނޭގެއެވެ. ތަޖުރިބާކާރުން މިސާލުތައް ނަގަނީ ގައުމުތަކުން އަމިއްލައަށް މިބަލިމަޑުކަމާ ދެކޮޅަށް ހަގުރާމަކޮށް ކާމިޔާބު ހޯދަމުންދާ ގައުމުތަކުން އަޅަމުންދާ ފިޔަވަޅު ތަކުންނެވެ.
ކޮރޯނާ ބަލިމަޑުކަން ފެށުނުއިރު އެބަލިމަޑުކަމުގެ މަރުކަޒަކީ ޗައިނާކަމަށް ވިއެވެ. ޗައިނާއެޅީ ވަރަށް ހަރުކަށި ފިޔަވަޅުތަކެކެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވެސްޓަން ގައުމުތަކުން އެކިގޮތްގޮތަށް ފާޑުކިޔައި މަލާމާތްކުރެވުނު ފިޔަވަޅުތަކެކެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެތެރޭގައި ޗައިނާއިން އެޅި ފިޔަވަޅުތައް ކާމިޔާބުކަމާއެކު އެގައުމުން ކޮރޯނާގެ ބަލިމަޑުކަމުން މިންޖުވެ މިބައްޔަށް ޚާއްސަކޮށްފައި އެންމެ ފަހުންހުރި މެޑިކަލް ފެސިލިޓީ ބަންދުކޮށް ހެލްތުވާކަރުންގެ މޫނުމަތިން މާސްކުތައް ނަގައިލިއެވެ.
މިއަދު ކޮރޯނާވައިރަސްގެ މަރުކަޒަކަށް މުއްސަނދި ޔޫރަޕްވެ ދުނިޔެއަށް ނުހަނު ބިރުވެރިކަން ކުރިމަތިވެއްޖެއެވެ. މިދަނޑިވަޅުގައި ޗައިނާއިން ހެލްތުވޯކަރުންނާއި ބޭހާއި މެޑިކަލް އިކްވިޕްމަންޓުން ބަރާކޮށްފައިވާ މަތިންދާބޯޓްތައް ޔޫރަޕަށް އެހީވުމަށް ދަތުރުކުރަމުން އެދަނީއެވެ. އިޓަލީން ޗައިނާގެ އެހީ ބަލައިގަތީ އިންތިހާ ދަރަޖައިގެ ޝުކުރުވެރިކަމާއެކުއެވެ. ބެލްޖިއަމަށް ޗައިނާގެ ޑަކްޓަރުންނާ ނަރުހުންނާއި ސާމާނު ފޮނުވިއްޖެއެވެ.
ކަންކަން މިހެންދާއިރު ހަގީގަތުގައި ކޮރޯނާވައިރަސްގެ އެންމެ ބޮޑު އަސަރެއް ކުރާގައުމަކަށް ދިވެހި ރާއްޖެވަނީ ވެފައެވެ. ދިވެއްސަކަށް އަދި މިބަލި ޖެހިފައިނުވާތީ ﷲ އަށް ހަމްދުހުއްޓެވެ.
މިކަހަލަ ދަނޑިވަޅެއްގައި ގައުމުގައި ތަންފީޒުކުރެވެމުންދާ ކަންކަމާމެދު ނެގެޓިވް މަންޒަރެއް ފެނިގެންދާފަދަ އެއްޗެއް ބުނުމަކީ އެންމެ އެދެވޭގޮތްކަމަށް ނުވެ ހިގައިދާނެއެވެ. އެކަމަކު މިފަދަ ބަލިމަޑުކަމެއް އެންމެ ފަސޭހައިން ކޮންޓްރޯލް ކުރެވޭފަދަ މާހައުލެއް ( ދިވެހި ރާއްޖެ އެތުރިފައިވާގޮތް ) ދިވެހި ރާއްޖެއަށް ﷲ ތައާލާ މިންވަރުކޮށްދެއްވާފައިވުމުން އެކަމުގެ އެޑްވާންޓޭޖް އެންމެ ފުރިހަމަގޮތުގައި ހިފުން އެއީ އޮތްކަމެކެވެ.
ކޮރޯނާގެ ބަލިމަޑުކަމުގައި ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުން އަމަލުކުރީ ވަރަށް ތަފާތުގޮތަކަށެވެ. ދެކުނުކޮރެޔާއާއި ޖަޕާން، ސިންގަޕޫރު އަމަލުކުރިގޮތާއި އިޓަލީއާއި އެމެރިކާއިން އަމަލުކުރާގޮތަށް ވިސްނެވުމުން މިކަން އެގެއެވެ. އިޓަލީން އެގައުމުގެ 60 މިލިޔަން މީހުން ބަންދުކުރިއިރު ދެކުނުކޮރެޔާއިން އެފަދަ ފިޔަވަޅެއް އެޅީ ހަމައެކަނި ބަލިފެތުރުނު ރަށުގައި އެކަންޏެވެ. މުޅި ގައުމަށް ދަތުރުނުކުރެވޭފަދަ އިމަރޖެންސީ ހާލަތަކަށް ނުގޮސް އެއޮތްގެން ކޮންޓްރޯލްކުރަނީއެވެ.
ގައުމީ މިފަދަ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރާގޮތާއިމެދު ފާޑުކިޔަންޖެހުނީ މިބޮޑު މުސީބާތުގެ ވަގުތުގައިވެސް ގައުމުގައި ތިބި ސިޔާސީ ހަރުމީހުން އެއްތަންކޮށް ގައުމު ސަލާމަތްކުރަން އުޅުމުގެ ބަދަލުގައި މިބާވަތުގެ ކަމެއް މީގެކުރިން ތަޖުރިބާކޮށްފައިނުވާ ޅަ ޒުވާން ކުދިންކޮޅެއްގެ ސިކުނޑިން ކަންކަން ކުރަމުންދާތީއެވެ. ސަރުކާރު ހިންގަންތިބީ ޅަކުދިން ވީމާ އެބޭފުޅުން ބައިވެރިކުރިޔަސް މިގައުމުގައި ހަރު، ބުއްދިތަނަވަސް ކިތަންމެ ބަޔަކު އެބަތިއްބެވެ. އެއިންމީހަކު ރައީސް އޮފީހަށް ގެންދަވައިގެން ލަފަޔެއް އައްސަވާލެއްވިއްޔާ ކީއްތޯއެވެ.
ކުރީގެ ރައީސް މައުމޫން އިންތިޚާބުފަސްކުރުން ބުއްދިވެރިކަމަށް ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބާރުއެޅުއްވީ އިންތިޚާބު ކަނޑައެޅިފައި އޮތް ތާރީޚްގައި ބޭއްވުމަށެވެ. މިދެބޭފުޅުންގެ ވާހަކަފުޅުންވެސް ދުރުވިސްނުމާއި ބުއްދިވެރިކަން ވަޒަންކޮށްލެވެއެވެ. މިހެންދެންނެވިޔަސް މަޓީގެ އިސްބޭފުޅުންގެ ލަފާ ނުހޯއްދަވާ ވާހަކައެއްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ކޮރޯނާ ބަލިމަޑުކަމާއިގުޅިގެން ގައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުންވެސް އިހްސާސްކުރެވުނީ އުނިކަމެކެވެ. އަޅުގަނޑު އެންމެ އަޅައިގަތީ ކޮރޯނާވައިރަސްއާ ދެކޮޅަށް ހަގުރާމަކޮށް ކާމިޔާބު މިހާތަނަށް ހޯދާފައިވާ ގައުމުތަކުން އެހީ ހޯއްދެވުމުގެ ބަދަލުގައި އިންޑިޔާގެ އަސްކަރީ މެޑިކަލް ޓީމެއް ގެނެވުނީތީ އިންޑިޔާ ސަރުކާރަށް ރައީސް ފަށްފަށުން ތާރީފްގެ ބަސްތައް ރައްދުކުރެއްވުމުންނެވެ. އިންޑިޔާއިން ބޭހުގެ އެހީފޯރުކޮށްދޭން އޮތްކަމަށް ޚިތާބުގައި ވިދާޅުވިއެވެ. އެއީ ހިލޭ އެހީތޯއެވެ. ނުވަތަ ރާއްޖެއަށް ވިއްކާ ބޭސް ދަތިނުކޮށް ވިއްކާވާހަކަތޯއެވެ.
ގައުމާ މުޚާތަބުކުރެއްވި ޚިތާބުގައި އެހީދޭ އެއްވެސް އެހެންގައުމެއް ނަން ނުގެނެސް ހަމައެކަނި އިންޑިޔާގެ ނަން ފަށްފަށްކޮށް ވިދާޅުވުމުން ހިތަށްގެނެވުނީ މިދަނޑިވަޅުގައިވެސް ބަޔަކު ރުއްސުމަށްޓަކައި އެކަމަށް ފޫގަޅާފައިވާ ބަޔަކު ހިފާފައިވާ ވަރެވެ. އެހެންޏާ އިހަށްދުވަހު ޔޫއޭއީންވެސް 700 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދިންކަމަށް އިވުނު ހަނަދާނެއް ވެއެވެ. އެއްވެސް އެހެންގައުމަކުން ދިވެހި ރާއްޖެއަށް އެހީނުލިބުމުން ގައުމެއްގެ ނަން ރައީސް ފާހަގަނުކުރެއްވީކަމަށް ވެދާނެއެވެ.
އިންޑީޔާއިންފޮނުވި އަސްކަރީ ކޮންޓިންޖެންޓަކީ ކޮރޯނާ ބަލިމަޑުކަމާދެކޮޅަށް މަސައްކަތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ހުރިބަޔަކު ކަމެއް ނޭގެއެވެ. ކޮރޯނާ ވައިރަސްގެ ތަޖުރިބާހުރި ޗައިނާގެ ޑޮކްޓަރުންނާ އަދި އެގައުމުގެ މެޑިކަލް ސާމާނަށް ދުނިޔޭގެ އެންމެ މުއްސަނދިގައުމުތަކުން މަރްހަބާކިޔަމުންދަނީ ކަމެއްވީމާ ނޫންތޯއެވެ. އެގައުމުތަކުގައި ޑޮކްޓަރުން މަދީތޯއެވެ. މިހެން ދަންނަވަން މިޖެހުނީ ޗައިނާއަކީ ރާއްޖެއާއި ނުހަނު ގާތް ރަހުމަތްތެރި ގައުމަކަށްވީހިނދު އަޅުގަޑުމެންގެ ގައުމަށްވެސް އެމީހުންގެ ތަޖުރިބާ ހިއްސާކޮށްލަން ބޭނުންނުވީ، ނުވަތަ ދިވެހި ސަރުކާރުން ބޭނުން ނުވީ ކީއްވެގެންކަން ވިސްނާވިސްނާ ފަހުމް ނުވީމައެވެ. ޔޫރަޕަށް ވަރަށް އެހީ އެބަފޮނުވައެވެ.
މިވާހަކަ ދައްކަން މިޖެހުނީ އަޅުގަނޑުމެންގެ ގައުމުގެ ވިޔަފާރިތައް ބަގްރޫޓްވަމުންދާތީއާއި ގައުމުގެ އިގްތިސާދަށް ނުހަނުބޮޑު ގެއްލުންވެ ކާބޯތަކެތި އެތެރެކުރާނެ ބޭރުފައިސާކޮޅެއް ހޯދުން ދަތިވެ، ލައްކަ ގިނަ ވިޔަފާރިވެރިންނަށް ހަތަރު އުދަރެސް ފެނުޖެހިގެން އުޅޭތީއެވެ. ހަލާކުވަމުންދާ ވުޔަފާރިތަކަށް އޮކްސިފޮދެއް ދެވޭނެ ބިލިޔަންބިލިޔަން ރުފިޔާގެ ސްޓިމިއުލަސް ޕާރުސަލެއް ހުށަހަޅައިދިނުމުގެ ކުޅަދާނަކަން އަޅުގަނޑުމެންގެ ޚަޒާނާގައި ހުރިކަމާމެދު ޝައްކެވެ. މާބޮޑު ކަމެއް ނުކޮށް ދައުލަތުގެ 32 ބިލިޔަން ރުފިޔާގެ މިދިޔަ އަހަރުގެ ބަޖެޓްގެ ކަންކަން ފިނޭންސް މިނިސްޓަރ ހޭންޑްލްކުރެއްވިގޮތުން މިޝައްކުތައް އިތުރުވެއެވެ. އަޅެ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައީސް މައުމޫންގެވެސް ހާދަ ތަޖުރިބާއެއް ހުންނާނެހެން ހީވެއެވެ. ރައީސް އޮފީހަށް ގެންދަވައިގެން ލަފައެއް އައްސަވަންވީ ނޫންތޯއެވެ. ޕާޓީގެ އިސް ސަފުން އަންނަ ޕްރެޝަރުތަކަށް ބެއްލެވުމެއްނެތި ގައުމީ ނަޒަރަކުން ވިސްނަންޖެހެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists